English Edition
Dhivehi Edition
ރޭގެ މެޗަުގައި ނަޕޯލީ ކޮޅަށް ލަނޑުޖެހުމަށްފަހު ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އުފާ ފާޅުކުރަނީ. --ފޮޓޯ: ބާސެލޯނާ ޓުވިޓާ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ސްޕެއިނުގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކް އެ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުޞަތު ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި އިޓަލީގެ ނަޕޯލީ އަތުން 3-1 އިން ހޯދި މޮޅާއެކު ބާސެލޯނާ އަނެއް ބުރަށް ދަތުރުކުރީ 4-2ގެ އެގްރިގޭޓުންނެވެ. މި ދެ ޓީމު ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ބަޔާނުން އަމިއްލަ ދަނޑުގައި 4-1 އިން ޗެލްސީގެ މައްޗަށް ކުރިހޯދިއިރު، ދެ މެޗުގެ އެގްރިގޭޓުން ޖާގަ ހޯދީ 7-1 އިންނެވެ. މީގެކުރީން، ލަންޑަނުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބުކުރީ 3-0 އިންނެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ގައި ރޭ ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ ފްރާންސްގެ ޑިފެންޑަރު ކްލެމެންޓް ލެންގްލޭ އެވެ. އޭގެފަހުން، މެޗުގެ 23 ވަނަ މިނެޓުގައި ކެޕްޓަން ލިއޮނަލް މެސީ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން ނަޕޯލީގެ ދެ ކުޅުންތެރިން ކައިރިން ސަލާމަތްވެ، އޭރިޔާތެރެއަށް ވަތް ވަގުތު ވެއްޓުނު ނަމަވެސް އަލުން ތެދުވެ، ނަޕޯލީގެ އިތުރު ދެ ޑިފެންޑަރުންގެ ދެ މެދުން ފޮނުވާލައިގެން މެސީ ކާމިޔާބުކުރި ރީތި ގޯލެކެވެ. މިއީ މި މުބާރާތުގައި ބާސެލޯނާގެ ދަނޑުގައި އެންމެފަހުން ކުޅުނު 12 މެޗުގައި މެސީ ޖެހި 20 ވަނަ ލަނޑެވެ.

ރޭގެ މެޗުގައި ބާސެލޯނާ އިން ޖެހި ތިންވަނަ ގޯލަކީ، ފުރަތަމަ ހާފުގެ އިތުރުވަގުތުގެ އެއްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ކާމިޔާބުކުރި ގޯލެކެވެ. މިއީ މެސީ އަށް ނަޕޯލީގެ ޑިފެންޑަރު ކަލިދޫ ކޫލިބަލީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި މެޗުގައި ނަޕޯލީ އިން ޖެހި ހަމައެކަނި ލަނޑު، މި ހާފުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި އެ ޓީމުގެ ޑްރީސް މާޓެންސް އަށް ބާސެލޯނާގެ އިވާން ރަކިޓިޗް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސީނިއޭ އެވެ.

ޗެލްސީއާ ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޔޫސީއެލް ޓުވިޓާ

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ބަޔާންގެ އެލިއާންޒް އެރީނާގައި އެ ޓީމު ވަނީ ފަސޭހަކަމާއެކު ޗެލްސީ ބަލިކޮށްފައެވެ. ރޭގެ މެޗުގައި ބަޔާނަށް ލީޑްނަގައިދިނީ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕޯލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. އޭގެ 14 މިނެޓުފަހުން، އިވާން ޕެރިސިޗް އެ ޓީމުގެ ލީޑް ފުޅާކޮށްދީފައިވަނިކޮށް، މި ހާފުގެ ކުޅުން ނިމެން މިނެޓަކަށްވެފައިވަނިކޮށް އިނގިރޭސި ފޯވާޑް ޓެމީ އެބްރެހަމް ވަނީ ޗެލްސީ އަށް ފަރަގު ކުޑަކޮށްދީފައެވެ.

ބަޔާނުން ޖެހި ތިންވަނަ ލަނޑު، މެޗުގެ 76 ވަނަ މިނެޓުގައި ލެވަންޑޯސްކީ ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ފްރާންސްގެ މިޑްފީލްޑަރު ކޮރެންޓިން ޓޮލީސޯ އެވެ. އޭގެ ފަހުން މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ބަޔާންގެ ފަހު ލަނޑުޖަހައިދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ލެވަންޑޯސްކީ އެވެ. މިއީ އެ ޓީމުގެ ސްޕެއިން ފުލްބެކް އަލްވާރޯ އޮޑްރިއޮޒޯލާ ނަގައިދިން ރީތި ހުރަހަކުން ލިބުނު ބޯޅައެއް ލެވަންޑޯސްކީ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ލެވަންޑޯސްކީ ޖެހި 13 ވަނަ ލަނޑެވެ. އަދި މި ސީޒަނުގައި އެ ޓީމަށް ކުޅެދިން 44 މެޗުގައި ޖެހި 53 ވަނަ ގޯލެވެ.

ރޭގެ މެޗާއެކު މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެގެންދިޔައިރު އެންމެ ފާހަގަކޮށްލެވޭ މެޗުގައި ބާސެލޯނާއާ ބަޔާން ބައްދަލުކުރާއިރު، މެންޗެސްޓާ ސިޓީ ނިކުންނާނީ އޮލިމްޕިކް ލިޔޯންއާ ދެކޮޅަށެވެ. އަދި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް އާރްބީ ލީޕްޒިގު ނިކުންނައިރު، ޕީއެސްޖީ ނިކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ. މި ފަހަރުގެ މުބާރާތުގެ ކުރިއަށް އޮތް ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ މިނީ ޓޯނަމެންޓެއްގެ ގޮތުގައި ޕޯޗުގަލްގައެވެ.