ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިނގިރޭސި ވިލާތުގެ ހުނަރުވެރި ވިންގާ ޖޭޑަން ސަންޗޯ ގެނެވިއްޖެނަމަ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑްލައިން ފުރިހަމަވާނެކަމަށް އެ ޓީމުގެ ކުރީގެ ފޯވާޑް ޑިމިޓާ ބާބަޓޯވް ބުނެފިއެވެ.
މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އުމުރުން 20 އަހަރުގެ ސަންޗޯގެ ސޮއި ހޯދުމަށް މި ފަހަރުގެ ޓްރާންސްފާ ބާޒާރު ހުޅުވުނީއްސުރެ ޔުނައިޓެޑުން އަންނަނީ ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
“ޖޭޑަން ސަންޗޯ އަކީ ދުނިޔޭގެ ކޮންމެ ޓީމަކަށް ވެސް ކުޅެވޭ ފެންވަރު ހުރި މޮޅު ކުޅުންތެރިއެއް. ޔުނައިޓެޑަށްވެސް ވަރަށް އެކަށީގެންވާ ކުޅުންތެރިއެއް އެއީ،” ބެޓްފެއާ އަށް ދިން އިންޓަވިއުއެއްގައި ބާބަޓޯވް ބުންޏެވެ.
ޔުނައިޓެޑާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރީ ބާބަޓޯވް ބުނީ ސަންޗޯ ގެނެވިއްޖެނަމަ އޭނާގެ ކުރީގެ ޓީމުގެ ފޯވާޑްލައިން ވަރަށް ބޮޑަށް ވަރުގަދަވެ، ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް ފުރަތަމަ އެގާރައިގައި ހިމަނާނެ ކުޅުންތެރިއަކު ކަނޑައަޅަންވެސް އުނދަގޫވާނެކަމަށެވެ.
“ސަންޗޯ ގެނެވިއްޖެނަމަ ޔުނައިޓެޑްގެ ފޯވާޑްލައިން މިހާރަށްވުރެ ވަރަށް ބޮޑަށް ވަރުގަދަވެގެންދާނެ. އަނެއްކޮޅުން އޯލޭ އަށް ފުރަތަމަ އެގާރައެއް ނަގަން ވެސް އުނދަގޫވާނެ،”
“އެގޮތުން، ތަންކޮޅެއް ކުރީގެ ޔުނައިޓެޑްގެ ފޯވާޑްލައިނަށް ބަލާކަމަށް ވާނަމަ، އޯލޭ އާއި ޑްވައިޓް ޔޯކްގެ އިތުރުން އެންޑީ ކޯލް އަދި ޓެޑީ ޝެރިންހަމް ހިމެނުނު. އޭރު ހުރިހާ ގޮތަކުން ވެސް ޓީމުގެ ފޯވާޑްލައިން ވަރުގަދަ، އަދި ފުރަތަމަ އެގާރައިގައި ވަކި ކުޅުންތެރިއެއް ހިމެނުމަށް އުނދަގޫވި.” ބާބަޓޯވް ބުންޏެވެ.
އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މިހާތަނަށް އައިއިރު އެ ޑީލް އިތުރަށް ކުރިއަށް ނުގޮސް އޮތީ އޭނާގެ ޓްރާންސްފާ ފީގެ ބޮޑުބައި އެއްފަހަރާ ޑޯޓްމަންޑުން ބޭނުންވާތީވެ، އާއި އަދި ވިއްކާލަން ކިޔާ އަގު ބޮޑުވީމައެވެ. އަދި އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑޯޓްމަންޑުން ސަންޗޯގެ އަގުގެ ގޮތުގައި 130 މިިލިއަން ޑޮލަރު ޑިމާންޑުކުރެއެވެ.