English Edition
Dhivehi Edition

އައްޑޫސިޓީގެ ހިތަދޫގެ ސަރަހައްދަކަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ. މިރޭ 10:00 ހާ އިރު އެރި މި ނަގޫރޯޅީގެ ސަބަބުން ހިތަދޫގެ ބޮޑު މަގުގެ ބައެއް ގެތަކަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. އެސަރަހައްދުގައި ހުރި މީހަކު ބުނީ ނަގޫރޯޅިއަރާ އެގޭގެ އެއްކޮޓަރި ފިޔަވައި އެހެން ހުރިހާ ތަނަކުން ޓިނު ގޮސްފައިވާ ކަމަށާއި ގޭގައި ދިރިއުޅޭ މީހުން އެހެންގެއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަަމަށެވެ. މަންޒަރު ދުށް މީހަކު ބުނީ ނަގޫރޯޅި އެރީ ބޭރުމަތި އަވަށުން ކަމަށާއި އަދި ފޭބީ މެދުވަލު އަވަށާ ދިމާލުން ކަމަށެވެ. މިހާދިސާގައި 5 ގެއެއްގެފުރާޅު އެއްލާލައި، ގެއެއްގެ ގޯތިތެރޭގައި ހުރި ބޮޑު ގަހެއް ވެސް ވެއްޓި ގެއްލުންތަކެއްވެފައިވާ ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވީ ކަމެއް އަދި ސާފެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި ނަގޫރޯޅި އެރި ސަރަހައްދުގެ ގެތަކުން މިހާރު ވަނީ ވަގުތީ ގޮތުން ރައްކަލަކަށްޓަކައި ކަރަންޓް ވެސް ކަނޑާލައިފަ އެވެ.