English Edition
Dhivehi Edition

ލިޔުނީ: ހިޒްޔަމް

ދިވެހި ޒުވާނުންނަކީ ޒަމާނުއްސުރެ ފުޓްބޯޅަ ދާއިރާގައި ހުނަރުވެރި ބައެކެވެ. އަބަދުވެސް ފުޓްބޯޅަ ދެކެ ލޯބިވާ ދިވެހި ދަރިންނަށް ތަޢުލީމީ ޙަޔާތުގެ ތެރެއިން ފުޓްބޯޅަ ހުނަރު ކުރިއަރުވުމުގެ ފުރުސަތު ލިބިގެންދާކަމީ އަދުގެ ޖީލުގައި ކުޅަދާނަ އަދި މޮޅު ކުޅުންތެރިން އުފެދިގެން ދިއުމުގެ މައިގަނޑު އެއް ސަބަބެވެ.

މި ގޮތުން ނިމިގެންދިޔަ މީދޫ ޔޫތު ޗެލެންޖްގައި ހުނަރުވެރި ކުޅުމެއް ދެއްކި ސ.މީދޫ، ސެމާ، ޢަބްދުﷲ ލިވާޒްއަކީ ފުޓްބޯޅައިގައި އުޖާލާ މުސްތަޤުބަލެއް އޮތް ކުޅުންތެރިއެއްކަން ގިނަ ބަޔަކު ގަބޫލުކުރާ ކުޅުންތެރިއެކެވެ. ސ.އަތޮޅު މަދަރުސާގެ ސްޕޯރޓްސް ކްލަބްގެ ރައީސްކަންވެސް ކުރަމުން އަންނަ ލިވާޒްއަކީ އެ ސްކޫލްގެ ފުޓްބޯޅަ ޓީމަށްވެސް ކުޅެމުން އަންނަ ފާހަގަކޮށްލެވޭ ޓީމަށް މުހިއްމު މޮޅު ކުޅުންތެރިއެކެވެ.

އެންމެ ފުރަތަމަ ފުޓްބޯޅައަށް ޝައުގުވެރިކަން އުފެދުނު ގޮތާއި ބެހޭ ގޮތުން ވާހަކަދައްކަމުން ލިވާޒްބުނީ އެންމެ ކުޑައިރުވެސް ފުޓްބޯޅަ ކުޅޭތަން ބަލަން ގޮސް ކުޅުމަށް ޝައުގުވެރިކަން އުފެުނީ ކަމަށާއި އެންމެ ފުރަތަމަ ކުޅެން ފެށިއިރު އުމުރުން އެންމެ 06 އަހަރު ކަމަށެވެ. ކުޑައިރުން ފެށިގެން ފުޓްބޯޅައެއް އުފެދުނު ލޯތްބާއެކު އެންމެ ފުރަތަމަ އެއް އުމުރެއްގެ ކުދިންނާއި އެކު ކުޅެމުން އައި ލިވާޒް އެންމެ ފުރަތަމަ އޭނާއަށްވުރެ އުމުރުން ބޮޑެތި މީހުންނާއެކު ކުޅެން ފެށީ ގްރޭޑް07ގައި އުޅެމުންނެވެ. “ބޮޑެތި މީހުންނާއެކު ކުޅެން ފެށުމުން ވަރަށް ގިނަ ކަންތައްތައް ދަސްވި. ބޯޅަ ރަގަޅަށް ޕާސްކުރުމާއެކު ކުޅުމުގައި ގެންގުޅޭނެ ގިނަ އުކުޅުތައް ދަސްވެގެންދިޔަ” ލިވާޒް ބުންޏެވެ. ކުރީގެ ކުޅުންތެރިންގެ ތެރެއިން އަޝްރަފް އާއި ލޭމާގެ ކުޅުން ވަރަށް ސަޅިކަން ފާހަގަކުރަމުން ލިވާޒް ބުނީ އެ ދެކުޅުންތެރިންނަކީ މީދޫ އިން އޭނާއަށް އެންމެ ފާހަގަކޮށްލެވޭ މޮޅުން ކުޅުންތެރިންކަމަށެވެ.

ލިވާޒް ކުޅޭ ކޮންމެ މެޗެއްގައިވެސް ދަނޑުމަތިން ލިވާޒްގެ މޮޅު ހުނަރު ފެނިގެން ދިޔައިރު، އޭނާވަނީ އެކިއެކި މަޤާމުތަކަށް ކުޅެ ގިނަ ކާމިޔާބީތަކެއް ޙާޞިލުކޮށްފައެވެ.މިގޮތުން ލިވާޒްގެ ނަޒަރުގައި އޭނައަށް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތްތަކުގައި 3 ފަހަރެއްގެ މަތިން ބެސްޓް ގޯލްކީޕަރ އެވޯރޑް ލިބުމަކީ އޭނައަށް ލިބުނު ބޮޑުކާމިޔާބީއެއްކަމަށް ލިވާޒްވަނީ ބުނެފައެވެ.

ފުޓްބޯޅައިގެ ދާއިރާއިން ކުރިއަށްދިއުމަށް އޭނައަށް އެންމެ ގަދައަށް ހިތްވަރު ދެނީ އޭނަގެ މަންމަކަން ފާހަގަކޮށް ލިވާޒްބުނީ “އަބަދުވެސް އަޅުގަނޑުގެ އެންމެ ބެސްޓް ސަޕޯރޓަރަކީ އަޅުގަނޑުގެ މަންމަ”ކަމަށެވެ. ފުޓްބޯޅައިގެ ދާއިރާއިން ކުރިއަށް ދިއުމަށް މުޅި އާއިލާއިން ވެސް ލިވާޒްއަށް ހިތްވަރުދެމުން އަންނަކަން ފާހަގަކޮށް ލިވާޒް ބުނީ އަބަދުވެސް ޢާއިލާއާއި އެކުވެރިންގެ ފަރާތުން މިކަމަށް ހިތްވަރާއި މަދަދު ލިބެމުންދާކަމަށެވެ.

މިހާރު ސެންޓަރ ބެކް އަދި ޑިފެންސިވް މިޑްފިލްޑަރގެ މަޤާމަށް ކުޅެމުން އަންނަ ލިވާޒު ގެ މިހާރުގެ އުއްމީދަކީ ފުރަތަމަ ޑިވިޝަންގެ ޓީމަކަށް ކުޅުމާއެކު ރާއްޖެއިން ފުޓްބޯޅައިގައި ދެވޭނެ އެންމެ ކުރިއަކަށް ދިއުމެވެ.

އައްޑޫގައި ފުޓްބޯޅަ ރޫޙު ކުރިއެރުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އޭއޯގެ އުންމީދަކީ ލިވާޒް ފަދަ ހުނަރުވެރި ކުޅުންތެރިންނަށް ފާގަތި މުސްތަޤްބަލެއް މިންވަރު ކުރެއްވުމެވެ.