އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ދާ ހަތަރުވަނަ ބެޗު މިއަދު އިންޑިއާއަށް ފުރައިފި އެވެ.
އާސަންދަ ކޮމްޕެނީ ލިމިޓެޑުން ބުނީ ރައީސް ޞާލިޙްގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާ ސަރުކާރުން ދެއްވާފައިވާ ޚާއްސަ ހުއްދައާއެކު، އާސަންދައިގެ ޚަރަދުގައި ފަރުވާ ހޯދުމަށް މިއަދު އިރުއޮއްސި 18:30 ގައި، ބަލިމީހުންނާ އެހީތެރިންނާއެކު މުޅި ޖުމްލަ 50 މީހުން އިންޑިއާއަށް ފުރާފައިވާ ކަމަށެވެ.
މީގެ އިތުރުން މި ބެޗުގައިވެސް ދާ ހުރިހާ ފަސިންޖަރުން އިންޑިއާ އަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސައި އެ ޤައުމުގެ ޕަބްލިކް ހެލްތު ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކު ކަމަށް އާސަންދައިން ބުނެއެވެ. އަދި އިންޑިއާ އިންވެސް އެ ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށާއި، އެ ޤައުމުގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭނެ ކަމަށާއި، 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް-19 އަށް ޓެސްޓްކުރާނެ ކަމަށެވެ.
އާސަންދައިން ހާމަކުރާ ގޮތުގައި މިއަދު ފުރި މީހުންގެ ތެރޭގައި ހިމެނެނީ 21 ބަލިމީހުންނެވެ. އޭގެ ތެރެއިން ނުވަ ބަލިމީހުންގެ ފަރުވާ ހަމަޖެހިފައި ވަނީ އެއިމްސް ހޮސްޕިޓަލުގައި ކަމަށްވާއިރު، ބާކީ 12 ބަލިމީހުންގެ ފަރުވާ ހަމަޖެހިފައި ވަނީ ކޮމްސް ހޮސްޕިޓަލުގައެވެ.
މީގެ އިތުރުން އާސަންދައިން ބުނީ ބަލިމީހުންނާއި އެހީތެރިންވެސް ކަރަންޓީނުގައި ތިބޭނީ ފަރުވާ ހަމަޖެހިފައިވާ ހޮސްޕިޓަލުގައި ކަމަށާއި، ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާ ކުރިއަށްގެންދެވޭނެ ކަމަށެވެ.