English Edition
Dhivehi Edition
ފްރެންޗް ލީގު ކަޕްގައި ޕީއެސްޖީގެ މާކޯ ވެރާޓީ (ކ) އަތުން ބޯޅަ ހޯދަން އޮލިމްޕިކް ލިޔޯންގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އަންނަ ބުދަ ދުވަހުގެ ރޭ އެޓަލާންޓާއާ ދެކޮޅަށް ނިކުތުމުގެ ކުރީން ޕީއެސްޖީގެ އިތުބާރު މިޑްފީލްޑަރު މާކޯ ވެރާޓީ އަށް އަނިޔާވެ އެ ޓީމަށް ހާސްކަމާ ކުރިމަތިލާންޖެހިއްޖެއެވެ.

އުމުރުން 27 އަހަރުގެ ވެރާޓީ އަށް އަނިޔާވީ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބައިވެރިވެ އުޅުމުގެ ތެރޭގައެވެ. އެގޮތުން، އޭނާގެ ފައިގެ ކުޑަކަޅުވާ އަށް ލިބިފައިމިވާ އަނިޔާގެ ސަބަބުން އެ ޓީމު އެންމެފަހުން ސޯޝޯއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައިވެސް ބައިވެރިއެއްނުވެއެވެ.

އިޓަލީގެ ގައުމީ ޓީމުގެ އިތުރުން ޕީއެސްޖީގެ މެދުތެރޭގެ މައިތަނބުގެ ގޮތުގައި ފާހަގަކުރެވިފައިވާ ވެރާޓީގެ އަނިޔާއާ ގުޅޭގޮތުން ކޯޗު ތޯމަސް ޓުޗެލް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓުޗެލް ބުނީ ވެރާޓީގެ އަނިޔާ ސީރިއަސްކަމަށް ބެލެވޭކަމަށާއި، އެކަމަކު މި އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ހުންނަންޖެހޭނެ މުއްދަތެއް އަދި ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށެވެ.

“ވެރާޓީގެ އަނިޔާއާ މެދު އަހަރެމެން މިތިބީީ ކަންބޮޑުވެފައި. މެޑިކަލް ޑޮކްޓަރުގެ ބަހެއް ލިބުމުން ކަނޑައެޅިގެން ވަކި އެއްޗެއް ބުނަން އެނގޭނީ.” ނޫސްވެރިންގެ ބައްދަލުވުމުގައި ޓުޗެލް ބުންޏެވެ.

މިފަހަރުގެ ސީޒަނުގައި މިހާތަނަށް ފްރެންޗް ކަޕާއި ލީގު ކަޕް އަދި ލީގު ކާމިޔާބުކޮށްފައިވާ ޕީއެސްޖީގެ ވެރާޓީގެ އިތުރުން ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އަދި ލޭވިން ކުރްޒާވާ ވެސް ހުރީ އަނިޔާގައެވެ. މީގެތެރެއިން، އެމްބާޕޭ އަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ، އެޓަލާންޓާއާ ދެކޮޅަށް ކުޅެވޭނީ އާދަޔާ ހިލާފު ކަންތައްތަކެއް މެދުވެރިވެގެން ކަމަށް މީގެކުރީން އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ބުނެފައެވެ.