English Edition
Dhivehi Edition
ޖޭއެސްސީގެ މެންބަރުކަމަށް އުއްމުކުލްޘޫމް ޢައްޔަނުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް، އައްޑުއަތޮޅު މަރަދޫ، މޫންލައިޓްހައުސް، އާމިނަތު އުއްމުކުލްޘޫމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި، އާމިނަތު އުއްމުކުލްޘޫމް، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އާމިނަތު އުއްމުކުލްޘޫމަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ.

އެރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، އާމިނަތު އުއްމުކުލްޘޫމް ވަނީ ޙަވާލުކުރައްވާފައެވެ.

އާމިނަތު އުއްމުކުލްޘޫމް މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައި ވަނީ ޕްރޮޖެކްޓް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ދާއިރާއިން އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވަރސިޓީންނެވެ. އުއްމުކުލްޘޫމް އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިނގަމުން އަންނަ ނެޝަނަލް ސެންޓަރ ފޯރ ދި އާރޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ. އޭގެ ކުރިން މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އިސްމަޤާމުތައް އުއްމުކުލްޘޫމް ފުރުއްވާފައިވެއެވެ.