English Edition
Dhivehi Edition

ލިޔުނީ:މުހައްމަދު ހިޒްޔަމް

ޒަމާނަކީ ޑިޖިޓަލް ދުނިޔޭގެ ޒަމާނެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ ޑިޖިޓަލް ދާއިރާއިން، ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން ކުރިއަރައިގެން ދާށެވެ. އޭގެއިން އާމްދަނީ ހޯދުމަށެވެ. ބައެއް މީހުން އެކަމުގައި ކާމިޔާބުވާއިރު އަނެއްބައިމީހުން ވަނީ ނާކާމިޔާބެވެ. ކޮންމެއަކަސް ދައްކަން މިއުޅެނީ އަރަމުންދާ ތަރިއެއްގެ ވާހަކައެކެވެ.

ރ.އަލިފުށްޓަށް އުފަން އުމުރުން 17 އަހަރުގެ މުޙައްމަދު ހުމާމަކީ ފެށުނީއްސުރެވެސް ފޮޓޮގްރަފީ ނުވަތަ ތަސްވީރު ނެގުމަށާއި އެ ތަސްވީރުތައް އެޑިޓްކުރުމަށް ފޯރިހުރި ކުއްޖެކެވެ. މި ފޯރީގައި ފެށި މަސައްކަތާއެކު ރައްޓެހިންގެ ކެމެރާތަކުން ފޮޓޯ ނަގައި، ޔޫޓިއުބުން ވީޑިއޯތައް ބަލައިގެން ހުމާމް އަމިއްލައަށް ދަސްކުރި މަސައްކަތާއެކު މަޝްހޫރު، ކުޅަދާނަ ފޮޓޯގްރާފަރަކަށް ވިއެވެ. ” ފޯނެއް ލިބުނު ހިސާބުން ފޮޓޯ ނަގަން ހިތްޖެހިފައި ހުރީ، ވީޑިއޯ ޕްލެޓްފޯރމްތަކުން އިތުރު މަޢުލޫމާތު ހޯދައިގެން އެ ހުނަރު ކުރިއަރުވަން މަސައްކަތްކުރީ” އޭއޯ ނިއުސް އަށް ހުމާމްގެ މަސައްކަތް ފެށުނު ގޮތާއި ބެހޭ ގޮތުން މަޢުލޫމާތު ދެމުން ހުމާމް ބުންޏެވެ.

ފޮޓޮގްރަފީގެ އިތުރުން މިހާރު ހުމާމްގެ މައިގަނޑު ދާއިރާއަކީ ފޮޓޯޝޮޕް އާރޓިސްޓެއްގެ ރޮނގެވެ. އިންސްޓަގްރާމްގެ ބޮޑެތި އާރޓިސްޓުންގެ މަސައްކަތް ފެނި، ހުމާމްވެސް އެމަސައްކަތް ކުރަން ބޭނުންވިއެވެ. “ފޮޓޯޝޮޕް ވޯރކް ފެށީ އިންސްޓަގްރާމްގެ ބޮޑެތި އާރޓިސްޓުންގެ މަސައްކަތްތައް ފެނި އޭގެއިން ހިތްވަރު ލިބިގެން. ޢަމާޒަކަށްވީ އިންސްޓަގްރާމް ފީޑްތަކުން ނުފެންނަފަދަ ރިވެތި ފޮޓޯތައް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުން” ހުމާމް ބުންޏެވެ.

ހުމާމްގެ ނަޒަރުގައި އޭނައަށް މި މަސައްކަތުގައި އެންމެ ބޮޑު މޭލުގަލަކީ އިންސްޓަގްރާމްގައި އެގާރަހާސް ފޮލޯވަރުން ލިބުމެވެ. އަދި އޭނަ ދެކޭ ގޮތުގައި ކޮންމެ މީހަކުވެސް އެމީހަކު ކުރަން އެންމެ ހުނަރު ހުރި ކަންތައް ކުރަން އުޅެފި ނަމަ ކާމިޔާބުވާނެކަން ޔަޤީނެވެ. “އިރާދަކުރެއްވިއްޔާ އަޅުގަނޑު ލައިފް ސެޓުލްވާ ދުވަހަކުން ފޮޓޯޝޮޕް ކޯސްތައް ރާއްޖޭގައި ހިންގާނަން” އޮންލައިން ބަސްދީގަތުމެއްގައި ހުމާމް ބުންޏެވެ.

“އަހަރެންގެ އުންމީދަކީ ރާއްޖޭގެ އެންމެ މޮޅު އެއް ފޮޓޯގްރާފަރ އަދި ވިޜުއަލް އާރޓިސްޓަކަށްވުން” ކުރިއަށް އޮތް މުސްތަގުބަލާއި މެދު ހުމާމް ދެކޭ ހުވަފެންތައް ހިއްސާކުރަމުން އޭނާ ބުންޏެވެ.

ހުމާމްގެ މުސްތަގުބަލާއި މެދު އެނާ ދެކޭ ހުވަފެންތައް ވަރަށްވެސް ފޮންޏެވެ. އަޅުގަނޑުމެންގެ ދުޢާއަކީ ހުމާގެ މި ހުވަފެން ހަގީގަތަކަށްވެ އޭނާގެ މަސައްކަތުގައި ކާމިޔާބީ އާއި ފަލާޙު މިންވަރު ކުރެއްވުމެވެ.އާމީން

ހުމާމްގެ މަސައްކަތްތައް މި ލިންކުން ބަލާލެވޭނެ: https://www.instagram.com/Humaamhassan/