ހުނަރަކީ ގުދުރަތުން ކޮންމެ މީހަކަށްވެސް ލިބިފައިވާ ނިއުމަތެކެވެ. ކޮންމެ މީހަކަށް ވެސް ކޮންމެވެސް ކަހަލަ ހުނަރެއް ލިބިފައިވާނެއެވެ. އެކިމީހުންގެ ހުނަރު ތަފާތުވާނެއެވެ. އެމީހަކަށް ލިބިފައިވާ ހުނަރުގެ ބޭނުން އެންމެރަނގަޅުގޮތުގައި ހިފުމަކީ އެމީހަކަށް ފައިދާކުރާނެ ކަމެކެވެ.
ސ.މީދޫ އަށް އުފަން އުމުރުން 15 އަހަރުގެ ލައިސާ އަކީ ތުއްތު އިރުންފެށިގެން ހުނަރުވެރި ކުއްޖެއްގެ ގޮތުގައި ސްކޫލުގެ އިތުރުން ލައިސާ ދަންނަ މީހުންވެސް ފާހަގަ ކުރާކުއްޖެކެވެ. އޭނަގެ އެންމެ ހާއްސަ ހުނަރަކީ ކުރެހުމެވެ. އާޓެވެ. ލައިސާއަކީ ވަރަށް ތުއްތު އިރުންފެށިގެން ތަފާތު އެކިއެކި ކުރެހުންތައް ކުރަހަމުން އަންނަކުއްޖެއްކަން އޭނަގެ އާއިލާގެ އިތުރުން އޭނާގެ ހުރިހާ މުދައްރިސުންނަށް ފާހަގަވާނެއެވެ.
“ޕްރީސްކޫލްގައި އުޅުނުއިރު ކްރެޔޯން އަދި ކުލަފަންސުރު ފެނުމުން ކުރެހުމަށް ޝައުގުވެރިވީ. އޭރު ކުރަހަމުން ދިޔައީ ސަންސެޓް އަދި އެކިއެކި ގުދުރަތީ މަންޒަރުތައް. ފްރީސްކޫލް ނިންމުމަށްފަހު ދެން ސެކަންޑްރީ ސްކޫލަށް ބަދަލުވުމާއެކު ކުރެހުމާ ދުރަށް ދިޔައިން ނަމަވެސް ސްކޫލްގައި އާޓް ގަޑީގައި ކުރަހާއެއްޗިސް ކުރަހަން. ދެން އޭގެފަހުން ގްރޭޑް 6 އަށް ދިޔަފަހުން ސްކޫލްގައި އުޅުނު އެހެން ކުއްޖަކު އެނިމޭ ކެރެކްޓާސް ކުރަހާތަން ފެނުމުން އަނެއްކާ ބޭނުންވީ ކުރެހުމާއިގެން ކުރިއަށް ދިޔުމަށް. އެގޮތުން އަހަރެން ފެށީ ކުލަފަންސުރު އަދި ގަލަން ބޭނުން ކޮށްގެން އެނިމޭ (ކާޓޫން) ކުރަހަން. ދެން މިހާރު އަހަރެން ޑިޖިޓަލްކޮށް ކުރަހަން މިފެށީ މިއަހަރު” ލައިސާ އޭނަގެ ކުރެހުމުގެ މަސައްކަތް ފެށިގޮތް ކިޔައިދެމުން ބުންޏެވެ.
ލައިސާ ބުނާގޮތުން އޭނަ ބޭނުންވަނީ ޑިޖިޓަލް އާޓިސްޓަކަށް ވާށެވެ. އަދި ކުރެހުމުގެ މަސައްކަތް ހޮބީއެއްގެ ގޮތުން ފަށައިގެން އުޅުނު ނަމަވެސް އޭނަބޭނުން ވަނީ ކިޔަވައި ނިމުމަށްފަހު ޑިޖިޓަލް އާޓިސްޓަކަށް ވުމެވެ. ހަމައެކަނި ފޯނު އެޕްލިކޭޝަންއެއް ބޭނުންކޮށްގެން ލައިސާ ކުރަހާފައި ހުންނަ ކުރެހުންތައް ވަރަށްވެސް ފުރިހަމައެވެ. އަދި ކުރިއަށް އޮތް ތަނުގައި އޭނާ ބޭނުންވަނީ ޕްރޮފެޝަނަލް ސޮފްޓްވެއާ ބޭނުންކޮށްގެން އޭނާގެ ކުރެހުންތަކަށް އިތުރު ފުރިހަމަކަމެއް ގެންނަން ކަމަށް އޭނާ ހާމަކުރިއެވެ.
“މިހާރުވެސް ކުރަހާފައި ހުރި އާޓްތައް އިންސްޓަގްރާމަށް ލުމުން ބައެއް މީހުންގެ ފަރާތުން ކުރެހުންތައް ކުރަހުވަން ހުށަހަޅާ. އަހަރެން ވާނީ އަގުނަގައިގެން ބައެއްމީހުންނަށް ކުރެހުންވިއްކާފައި. އިންސްޓަގްރާމުން ރިކުއެސްޓް ލިބިގެން ކުރަހާފައި ކުރެހުންތައް ވިއްކާފައި ހުންނާނެ މިހާރުވެސް. އުންމީދަކީވެސް މިދާއިރާއިން މަންފާހޯދައިގެން ކުރިއަށް ދިޔުން” ހުރިހާވައްތަރެއްގެ އާޓަށް ޝައުގުވެރިކަން ހުންނަ ލައިސާ ބުންޏެވެ.
ރާއްޖޭގައި އާޓިސްޓުން ކޮމިޝަން ކޮށްގެން ކުރަހާ އާޓްގަންނަ މީހުން އަދި ފެންނަނީ ވަރަށް މަދުންނެވެ. އެހެން ނަމަވެސް މިރިސްކް ނަގައިގެންވެސް ލައިސާބޭނުންވަނީ އޭނަގެ ކެރިއާއާއިގެން ކުރިއަށް ދިޔުމަށެވެ. ލައިސާ ބުނާގޮތުން ކުރެހުމަކީ އޭނަ އެންމެ ކުރާހިތްވާ ކަމަކަށްވާތީ މިދާއިރާއިން ދެވެން އޮތްއެންމެ މައްޗަކަށް ދާންބޭނުންވެއެވެ.
“މިވަގުތު އެންމެ ގިނައިން އިންސްޓަގްރާމަށް ލެވިފައި ހުންނާނީ އެނިމޭ ކެރެކްޓާތައް. ނަމަވެސް ރިކުއެސްޓްތަކަށް ތަފާތު ކުރެހުން ކުރަހާފައި ހުންނާނެ. ކުރަހުވަން ބޭނުން ފަރާތްތައް އަހަންނަށް އިންސްޓަގްރަމުން މެސެޖްކޮށް ލުމުން އެކަން ކުރިއަށް ދާނެ. މިވަގުތު އެނިމޭ ކެރެކްޓާތައް ފެންނަން ހުއްޓަސް އަދި ކުރިއަށް އޮތްތަނުގައި އަހަރެންގެއަމިއްލަ އާޓްތައް ފެންނާނެ. އަދި އަހަރެން އެންމެ ބަލަނީ އަހަރެންގެ ކުރެހުންތަކުގައި އަމިއްލަ ތަފާތު ސްޓައިލް އެއް ގެންގުޅުމަށް.” ލައިސާ ކިޔައިދިނެވެ.
ލައިސާގެ ކުރެހުންތަކަކީ އޭނަގެ އަމިއްލަ އެނިމޭ ސްޓައިލަށް ކުރެހިފައިވާ ކުރެހުން ތަކެވެ. އޭގެ އިތުރައް ރިއަލިސްޓިކް ސްޓައިލް ޢެއް މިހާރު ކުރިއައް ގެންދަން މަސައްކަތް ކުރަމުން ދާކަމަށް އޭނަބުނެއެވެ.
ސ.އަތޮޅުމަދަރުސާގައި މިހާރު ގްރޭޑް 9 އެއްގައި ކިޔަވަމުން އަންނަ ލައިސާ ބުނީ ރާއްޖޭގައި މާ ގިނަ ފުރުސަތުތަކެއް އާޓިސްޓަކަށް ނެތަސް އޮންލައިންކޮށް ހުރިހާ އާޓިސްޓުންނަށް ވެސް ވަރަށް ގިނަ ފުރުސަތު އެބަހުރި ކަމަށާއި އެހެން ކަމުން އޭނަ ބޭނުންވަނީ މިދާއިރާއިން ސޯޝަލްމީޑިއާގެ އެހީގައި ކުރިއަށް ދިޔުމަށެވެ.
އޭއޯނިއުސް އިން ލައިސާގެ މިމަސައްކަތަށާއި ހުނަރަށް އިތުރު ކާމިޔާބީއަކަށް އެދެމެވެ. އާމީން.