English Edition
Dhivehi Edition
ރެއާލް މެޑްރިޑްގެ ކުރީގެ ގޯލްކީޕަރު އިކާ ކަސިޔަސް (ކ) އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ (ވ) މެޗަކަށްފަހު ސަލާމްކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ދާދިފަހުން ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކުރި ސްޕެއިން އަދި ރެއާލް މެޑްރިޑްގެ ކުރީގެ ގޯލްކީޕަރު އިކާ ކަސިޔާސް އަށް ބާސެލޯނާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ތައުރީފުކޮށް ވާހަކަދައްކައިފިއެވެ.

ބާސެލޯނާގެ ވާދަވެރި ރެއާލަށް 700 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ކަސިޔަސް ކުޅުން ހުއްޓާލިކަން އިއްޔެ އިއުލާންކުރިއިރު، މެސީ ބުނީ ކަސިއަސް އަކީ ސްޕެއިނުގެ ގައުމީ ޓީމުގެ އިތުރުން ރެއާލާއެކު ގިނަ ގުނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެއް ކަމަށާއި، އަދި އޭނާގެ ސަބަބުން ޚުދު މެސީ އަށް ވެސް މޮޅު ކުޅުންތެރިއަކަށްވުމުގައި ފައިދާތަކެއްވެފައިވާ ކަމަށެވެ.

“އިކާ ކުޅުން ހުއްޓާލިނަމަވެސް، މީގެ އެތަކެއް އަހަރެއް ކުރީން އޭނާ ވަނީ ފުޓްބޯޅައިގެ ތާރީޚުން ޖާގަ ހޯދާފައި. ސްޕެނިޝް ލީގުގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ވެސް ޝަރަފުވެރި ހުރިހާ މުބާރާތެއް ވަނީ ކާމިޔާބުކޮށްފަ،”

“އިކާ އަކީ ހުނަރުވެރި މޮޅު ގޯލްކީޕަރެއް، އަދި އޭނާއާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމެއް ނޫން. އޭނާ ރެއާލަށް ކުޅުނު ދުވަސްވަރުގައި ދެ ކްލަބުގެ ވާދަވެރިކަން އިންތިހާއަށް އޮތީ ބޮޑުވެފައި. އަދި އަހަރެމެން އިތުރު ހަރުފަތަކަށް ދިއުމަށްޓަކައި އެ ފަދަ ކުޅުންތެރިއަކާ ދެކޮޅަށް ކުޅެވުމަކީ ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް.” މެސީ ބުންޏެވެ.

މިހާރު އުމުރުން 39 އަހަރުގެ ކަސިޔަސް އަކީ ރެއާލްގެ ޔޫތު ޓީމުން ތަމްރީންވެ، ސީނިއާ ޓީމަށް 1999 އިން 2015ގެ ނިޔަލަށް އެ ޓީމާ އެކު ސްޕެނިޝް ލީގު ފަސް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ސްޕެއިން ގައުމީ ޓީމަށް 2000-2016 އަށް ކުޅެ 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2008 އާއި 2012 ގެ ޔޫރޯ ކާމިޔާބުކުރިއެވެ.