ފުރަމާލެ ސަރަޙައްދުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
ވެމްކޯ އިން މިރޭ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅޭއްގެ ގޮތުން ފުރަމާލެ ސަރަޙާއްދުގައި ކާފިއު އިޢުލާން ކޮށްފައިވާތީ، މާދަމާ އިން ފެށިގެން އެ ކޯޕަރޭޝަންގެ ސައިޓްތކުން ޚިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މާދަމާ އިން ފެށިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އަދި ތިލަފުށީގައި ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު ވެމްކޯގެ ސައިޓްތައް ހުޅުވާފައި ހުންނާނީ 08:00 އިން 21:00 އަށެވެ. އަދި މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ވެމްކޯގެ ސައިޓް ހުކުރު ދުވަހު ހުޅުވުމަށް ހަމަޖެހިފައި ވަނީ 08:00 އިން 11:00 އަށް އަދި 14:00 އިން 21:00 އަށް ކަމަށްވާއިރު، ތިލަފުށި ސައިޓް ހުޅުވާނީ ހުކުރު ދުވަހުގެ 08:00 އިން 11:00 އަށް އަދި 14:30 އިން 21:00 އަށެވެ.
އެހެންކަމުން އެ ކޯޕަރޭޝަނުން ވަނީ ޚިދުމަތް ހޯދާ ކަސްޓަމަރުން އެ ގަޑިތަކަށް އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ވެމްކޯގެ ކޯލް ސެންޓަރު ހުޅުވިފައިވާ ވަގުތުތަކުގައި 1666 އަށް ގުޅުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ. ކޯލް ސެންޓަރު ހުޅުވިފައި ހުންނާނީ 09:00 އިން 18:00 އަށެވެ.