English Edition
Dhivehi Edition

އިދިކޮޅު އެމްޑީޕީގެ ތެރޭގައި ބައިބައިވުން ބޮޑުކަމަށާއި ރަައީސް މައުމޫން އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ހިސާބުން ފެށިގެން ގިނަ ފެކްޝަންތަކެއް އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް ވިދާޅުވީ “ނަޝީދު ފެކްޝަން” ޝާހިދު ފެކްޝަން” “އިބޫފެކްޝަން” ކަހަލަ ގިނަ ފެކްޝަންތަކެއް އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ކަަމަށާއި އެ ޕާޓީއާއި ރައީސް މައުމޫން ގުޅިވަޑައިގެންނެވި ހިސާބުން ޕާޓީގެ ލީޑަރޝިޕް ފެއިލް ވެފައިވާކަމަށް ޕާޓީގެ މެމްބަރުންވެސް ގަބޫލުކުރާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދަނީ މި ސަރުކާރު ވައްޓާލެވޭތޯ ކަަމަށާއި ސަރުކާރު ވައްޓާލުމަށް ކުލީ ސިފައިންގެ އެހީތެރިކަން ހޯދުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާކަމަށް ވެސް ޚަލީލް ވަނީ ތުހުމަތު ކުރައްވާފައެވެ. ހަލީލު ވިދާޅުވީ ސަރުކާރު ވައްޓާލުމުގައި އެހީތެރިވުމަށް މެމްބަރުންނަށް ގުޅައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އާދޭސް ދަންނަވަމުން ކަމުގައެވެ.

ޚަލީލު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް މެންބަރުންގެ ތާއީދު އިތުރުވަމުންދާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ޚަލީލު މިފަދަ ތުހުމަތެއް ކުރައްވާފާއިވާއިރު، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ހަތަރު މަޖިލިސް މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ ހުކުމް އަވަހަށް އިއްވައިދިނުމަށް ބާރުއަޅައިދިނުމަށް ރައީސް ނަޝީދު ވަނީ ސިފައިންނަށް ގޮވާލައްވައިފައެވެ.

އެފަދަ ތުހުމަތެއް ޚަލީލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ބާތިލްކޮށްލުމުން މަޖިލީސް ހަލަބޮލިވެ، މެމްބަރުންގެ މެދުގައި މަރާމާރީތައް ހިންގާފައިވާ ދަނޑިވަޅެއްގައެވެ.