English Edition
Dhivehi Edition
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ - ފޮޓޯ: މިހާރު

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ އާމްދަނީ 11.5% ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް ބަލައިގެންފައި ވަނީ ޖުމްލަ 4.35 ބިލިއަން ރުފިޔާއެވެ. މިއީ ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 11.5% ދަށް އަދަދެކެވެ.

މީގެ އިތުރުން މީރާ އިން ބުނީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ރިސޯޓުތަކުގެ ކުލި، ޖީޖީއެސްޓީ، ޓީޖީއެސްޓީ، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުމުގެ ފީ، ރޯޔަލްޓީ، ވިތުހޯލްޑިންގ ޓެކްސް އަދި ރެސިޑެންޓް ޕާމިޓްގެ ގޮތުގައި ބަލައިގެންފައިވާ އާމްދަނީވެސް ދަށްވެފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިތުރުވެފައި ވަނީ ބީޕީޓީ އާއި ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީގެ ފީގެ އިތުރުން އެއާޕޯޓް ޑިވްލޮޕްމަންޓް ފީ އާއި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ބަލައިގަތް ފައިސާ އެވެ.

މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ޓެކްސްގެ ގޮތުގައި ބަލައިގަނެފައި ވަނީ 3.65 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 6.3 ޕަސެންޓް ދަށް އަދަދެކެވެ. އަދި ޓެކްސް ނޫން އެހެނިހެން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 700 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 31.1 ޕަސެންޓް ދަށް އަދަދެކެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ގިނައިން އާމްދަނީ ލިބުނު ފަސް ދާއިރާގެ ތެރޭގައި ޖީއެސްޓީ އާއި ބީޕީޓީ އާއި ގްރީން ޓެކްސްގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓް ސަރވިސް ޗާޖު ހިމެނެއެވެ. އެގޮތުން ޖީޢެސްޓީގެ ގޮތުގައި މި އަހަރު 2.32 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބުނީ 2.07 ބިލިއަން ރުފިޔާ އެވެ. އަދި ބީޕީޓީގެ ގޮތުގައި 1.10 ބިލިއަން ރުފިޔާ މި އަހަރު ލިބިފައިވާއިރު، މިދިޔަ އަހަރު ވަނީ 1.14 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 241.2 މިލިއަން ރުފިޔާ މި އަހަރު ލިބިފައިވާއިރު، މިދިޔަ އަހަރު ލިބުނީ 236 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 196.2 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު ލިބުނީ 200 މިލިއަން ރުފިޔާ އެވެ. އަދި އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 195.4 މިލިއަން ރުފިޔާ މި އަހަރު ލިބިފައިވާއިރު، މިދިޔަ އަހަރު ލިބުނީ 199 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން އެހެނިހެން ފީގެ ގޮތުގައި 864.2 މިލިއަން ރުފިޔާ މި އަހަރު ލިބުނުއިރު، މިދިޔަ އަހަރު ލިބިފައި ވަނީ 511.3 މިލިއަން ރުފިޔާ އެވެ. މީރާ އިން ހާމަކުރާ ގޮތުގައި މި ކުއާޓަރުގައި ބަލައިގަތް އާމްދަނީތަކުގެ ތެރެއިން އެންމެ ގިނައިން ލިބުނު ފަސް އާމްދަނީ، ކުއާޓަރުގައި ލިބުނު ޖުމްލަ އާމްދަނީގެ 88.3% ހިއްސާކުރެއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ 60.1% ބަލައިގެންފައި ވަނީ އެމެރިކާ ޑޮލަރުންނެވެ. އެގޮތުން 170.6 މިލިއަން އެމެރިކާ ޑޮލަރު ބަލައިގެންފައިވާއިރު، އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު 12.1% ދަށް އަދަދެކެވެ. އަދި އާމްދަނީގެ 39.9% ދިވެހި ރުފިޔާއިން ވަނީ ބަލައިގެންފަ އެވެ. އެއީ 1.74 ބިލިއަން ރުފިޔާ އެވެ.