ފްރާންސްގެ އިތުބާރު ފޯވާޑް ކިލިއަން އެމްބާޕޭ އަށް މިހާރު ލިބިފައިވާ އަނިޔާއިން ރަނގަޅުވެ، ޔުއެފާ ޗެމްޕިއަންސް ލީގުގައި އެޓަލާންޓާއާ ދެކޮޅަށް ކުޅެވޭނީ އާދަޔާ ހިލާފު ކަންތައްތަކެއް މެދުވެރިވެގެން ކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
އުމުރުން 21 އަހަރުގެ އެމްބާޕޭ އަށް އަށް އަނިޔާވީ ފްރެންޗް ކަޕްގެ ފައިނަލްގައި ސެއިންޓް އެޓިއެން އަތުން 1-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި ލޮއިކް ޕެރިން ކުރި ޓެކުލެއްގެ ސަބަބުންނެވެ. ޕީއެސްޖީން ވަނީ އޭނާގެ އަނިޔާ ސީރިއަސް ނޫން ނަމަވެސް، އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރި އަންނަން މަދަވެގެން ތިން ހަފްތާ ނަގާނެ ކަމަށް ބުނެފައެވެ.
“ޗެމްޕިއަންސް ލީގުގައި އެޓަލާންޓާއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗަށް އެމްބާޕޭ ފިޓްވާނީ އާދަޔާ ހިލާފު ކަންތައްތަކެއް މެދުވެރިވެއްޖެނަމަ.” ފްރެންޗް ލީގު ކަޕް ފައިނަލްގައި މިރޭ އޮލިމްޕިކް ލިޔޯންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރީން ދިން އިންޓަވިއުއެއްގައި ޕީއެސްޖީގެ ކޯޗު ޓުޗެލް ބުންޏެވެ.
ޓުޗެލް އިތުރަށް ބުނީ އެމްބާޕޭ އަށް ކުޅެވޭނެކަމުގެ ކޮންމެވެސް ވަރެއްގެ އުއްމީދެއް އެބައޮތް ކަމަށާއި، މިހާރު އެންމެ ބޮޑު އަމާޒަކަށްވެފައިވަނީ ލީގު ކަޕް މެޗު ކާމިޔާބުކުރުން ކަމަށެވެ.
މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އެމްބާޕޭ ވަނީ މި ސީޒަނުގައި އެ ޓީމަށް މިހާތަނަށް ކުޅުނު 34 މެޗުގައި 30 ލަނޑު ޖަހައި، އިތުރު 18 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.
މިދިޔަ މާރިޗް މަހުގައި ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން ފްރާންސްގައި ކުޅިވަރު ހަރަކާތްތައް މެދުކަނޑާލިއިރު، އޭގެ މަހެއްހާ ދުވަސް ފަހުން ލީގު އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތެއް ނުފެނިގެން ކެންސަލް ކުރީ ޕީއެސްޖީ އަށް ޗެމްޕިއަންކަން ދީފައެވެ.