English Edition
Dhivehi Edition
މާޕްގެ ރައީސް ޙުސައިން އަފީފް

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން 2020 ވަނަ އަހަރުގެ އެނުއަލް ޖެނެރަލް މީޓިންގ ބާއްވައި ދެވަނަ އެގްޒެކެޓިވް ކޮމެޓީ އަށް މެމްބަރުން އައްޔަން ކޮށްފިއެވެ. ވާޗުއަލްކޮށް އިއްޔެ ބޭއްވި މިމީޓިންގ ގައި މާޕްގެ 70 އެއްހާ މެމްބަރުން ވަނީ ބައިވެރިވެފައެވެ.

މާޕްގެ 2 އަހަރުގެ މުއްދަތަށް ހޮވިގެންދިޔަ ދެވަނަ އެގްޒެވެޓިވް ކޮމެޓީގެ ތަފާތު 11 މަގާމަކަށް 22 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. މިފަހަރުވެސް މާޕްގެ ރައީސްކަމަށް ހޮވިފައިވަނީ ނިމިދިޔަ ދައުރުގެ ވެސް ރައީސް އަދި މާޕްގެ އެއް ކޯފައުންޑަރ ހުސައިން އަފީފްއެވެ. މީގެ އިތުރުން މާޕްގެ އަނެއް ދެ ކޯފައުންޑަރުން ކަމުގައިވާ އަހުމަދު އިބްރާހިމް އަދި އަލީ އާދަމް ވަނީ ކުރިންވެސް ތިއްބެވި މަގާމު ކަމުގައިވާ ނައިބު ރައީސް އަދި ޖެނެރަލް ސެކެޓްރީގެ މަގާމަށް ހޮވިފައެވެ. ނައިބު ރައީސް ކަމުގެ ދެވަނަ މަގާމަށް ހޮވިފައިވަނީ ކެރިއަރ ވިޓަމިންގެ ސީއީއޯ ހައްވާ ޝާހީނާއެވެ. ސެކެޓްރީގެ މަގާމަށް ފާތިމަތު ޙަބީބާ ހޮވިފައިވާއިރު ޓްރެޝަރާގެ މަގާމަށް ހޮވިފައިވަނީ އިބްރާހިމް ނިޝާންއެވެ. އެގްޒެކެޓިވް މެމްބަރުންގެ ގޮތުގައި ހޮވިފައިވަނީ އާމިނަތު އަދާލާ ރަޝީދު، އާމިނަތު ސުދާ، އާއިޝަތު ހުސައިން މުހައްމަދު، ޒަކަރިއްޔާ އީސާ އަދި ހަސަން ޝިފާއު އެވެ.

މާޕްގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ހޮވިފައިވާ، އަދި ލަކްސް ރިސޯޓުގެ ރީޖަނަލް ޑައިރެކްޓަރ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް މަގާމުވެސް އަދާކުރައްވަމުންގެންދަވާ ހުސައިން އަފީފު ވިދާޅުވީ ވޭތުވެދިޔަ ދައުރަކީ ވަރަށްވެސް ކާމިޔާބު ދައުރެއްކަމަށާއި ތަފާތު އެތައް ހަރަކާތެއް ބޭއްވިގެން ގޮސްފައިވާއިރު އާންމުންގެ މެދުގައި މާޕް އާއި މެދު ބޮޑު އިތުބާރެއްވަނީ ގާއިމްކުރެވިފައެވެ. މި ފެށިގެންދާ ދައުރާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ މި ފެށޭ ދައުރުގައި މައިގަނޑު ތިން ކަމަކަށް ފޯކަސް ކުރައްވާނެކަމުގައެވެ. އެގޮތުން އެންމެބޮޑު ފޯކަސް އަކަށް ވެގެންދާނީ ކޯޗިން އެންޑް މެންޓަރިން ކަލްޗަރ އެއް އެޗްއާރ ލީޑަރޝިޕްގައި އަށަގެންނެވުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ގިނަ ލީޑަރުންތަކެއް ބިނާކޮށް އެފަރާތްތަކަށް ތަފާތު ގިނަ ފުރުސަތުތަކެއް ހުޅުވާލުން ކަމަށް އަފީފް ވިދާޅުވިއެވެ. ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ އެހެނިހެން ޕްރޮފެޝަނަލް އެސޯސިއޭޝަންތަކާއި ގުޅިގެން ކުރިޔަށް ގެންދެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް ތަފާތު ހަރަކާތްތައް ބޭއްވުމެވެ. އެގޮތުން ކުރިޔަށް މި ފެށޭ ދައުރަކީ ވަރަށްވެސްގިނަ ހަރަކާތްތަކެއް ބޭއްވިގެންދާނެ އަދި ތަފާތު ގިނަ އާ ކަންތައްތަކެއް ތައާރަފް ކުރެވިގެންދާނެ ދައުރެއް ކަމުގައިވެސް އަފީފް ވިދާޅުވިއެވެ.

މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. އެގޮތުން ޖަމިއްޔާ އުފެދުނުތާ ދެ އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. .

ޓެގު