English Edition
Dhivehi Edition

އައްޑޫ ސިޓީގައިވެސް އީދު ނަމާދުގެ ބޮޑު ޖަމާޢަތް ނުބޭއްވުމަށް ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް އައްޑޫ ސިޓީގެ އެއްވެސް އަވަށެއްގައި ނުބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން އަޟްޙާ ޢީދުގެ ބޮޑުޖަމާޢައް ނުބޭއްވިނަމަވެސް އައްޑޫސިޓީގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި މިއަހަރުގެ އަޟްޙާޢީދު ނަމާދުކުރުން އޮންނާނެކަމުގައިވެސް ކައުންސިލުން ބުނެފައި ވެއެވެ.

އަދި ޢީދު ނަމާދަށް ދާއިރު މާސްކް އަޅައިގެން މުސައްލަ ހިފައިގެން ޢީދު ނަމާދުގެ ޖަމާޢަތަށް ދިއުމަށް ސަމާލުކަން ދިނުމަށްވެސް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

އައްޑޫގައި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ނުކުރުމަށް ނިންމާފައިވާއިރު، މާލެ ސިޓީގައިވެސް އަޟްހާ ޢީދު ނަމާދު، ބޮޑު ޖަމާޢަތުގައި ސްޓޭޑިއަމްގައި ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އަދި މާލެ ސިޓީގައި ޢީދު ނަމާދު އޮންނާނީ އިސްލާމީ މަރުކަޒާއި ހުކުރު ކުރާ މިސްކިތްތަކުގައި ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.