English Edition
Dhivehi Edition
ވެސްޓް އިންޑީޒް ބަލިކުރުމަށްފަހު އިންގްލެންޑްގެ ޓެސްޓް ކްރިކެޓް ޓީމުން އުފާ ފާޅުކުރަނީ. --ފޮޓޯ: އައިސީސީ

މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން މެދުކަނޑާލުމަށްފަހު ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕްގައި ކުޅެވުނު ތިންވަނަ މެޗުން ވެސްޓް އިންޑީޒް ބޮޑު ތަފާތަކުން ބަލިކޮށް އިންގްލެންޑުން ޓެސްޓް ސީރީޒް 2-1 އިން ކާމިޔާބުކޮށްފިއެވެ. އިންގްލެންޑުން މި މެޗު ކާމިޔާބުކުރީ 269 ލަނޑުންނެވެ.

މިއާއެކު، އިންގްލެންޑުން ވަނީ ވިސްޑެން ޓްރޮފީ ހާސިލްކުރުމަށްފަހު ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕްގެ ތިންވަނަ މަގާމަށް ޖެހިލާފައެވެ. ތާވަލްގެ އެއްވަނައިގައި އިންޑިޔާ އުޅޭއިރު ދެވަނައިގައި އޮތީ އޮސްޓްރޭލިޔާ އެވެ.

އިންގްލެންޑްގެ މެންޗެސްޓާގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ވެސްޓް އިންޑީޒް އިން ގަސްދުކުރީ ހޮވަން އަރާށެވެ. އިންގްލެންޑުން ކުޅެން އަރާ 111.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 369 ލަނޑަށެވެ. މި އިނިންގްސްގައި އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 91 ލަނޑުހެދި އޯލީ ޕޯޕް އާއި 67 ލަނޑުހެދި ވިކެޓްކީޕަރު ބެޓްސްމަން ޖޮސް ބަޓްލާ އެވެ. މީގެއިތުރުން، 45 ބޯޅައިން 62 ލަނޑުހެދި އޯލްރައުންޑަރު ސްޓުއަޓް ބްރޯޑްގެ ކުޅުން ފާހަގަކޮށްލެވެއެވެ. ވެސްޓް އިންޑީޒް އިން އެންމެ ރަނގަޅަށް އުކީ ހަތަރު ވިކެޓްނެގި ކެމަރް ރޯޗް އެވެ.

ވެސްޓް އިންޑީޒްގެ ފުރަތަމަ އިނިންގްސްގައި 65 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 197 ލަނޑަށެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 46 ލަނޑުހެދި ކެޕްޓަން އަދި އޯލްރައުންޑަރު ޖޭސަން ހޯލްޑާ އާއި 37 ލަނޑުހެދި ޝޭން ޑޯރިޗް އެވެ. މި އިނިންގްސްގައި އިންގްލެންޑުން އެންމެ ރަނގަޅަށް އުކި ބްރޯޑް ހަ ވިކެޓްނެގިއިރު، ޖޭމްސް އެންޑަސަން ދެ ވިކެޓްނެގިއެވެ.

އިންގްލެންޑުން ދެވަނަ އިނިންގްސްގައި ކުޅެން އަރައި 58 އޯވަރުގެ ތެރޭގައި ދެ ވިކެޓަށް 226 ލަނޑުހެދުމަށްފަހު ޑީކްލެއާ ކުރިއެވެ. އެންމެ ރަނގަޅަށް ކުޅުނު ރޯރީ ބާންސް 90 ލަނޑުހެދިއިރު، އެ ޓީމުގެ ކެޕްޓަން ޖޯ ރޫޓް ވަނީ ނުބައިނުވެ 56 ބޯޅައިން 68 ލަނޑުހަދާފައެވެ. މި އިނިންގްސްގައި ވެސްޓް އިންޑީޒްގެ ހޯލްޑާ އާއި ރޮސްޓަން ޗޭސް ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.

ޖަވާބުގައި ވެސްޓް އިންޑީޒް އަށް މި މެޗު ކާމިޔާބުކުރުމަށް ހަދަންޖެހިފައިވާ 399 ލަނޑުގެ ޓާގެޓަށް ވާސިލްނުވެވި، 37.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު ހެދުނީ އެންމެ 129 ލަނޑެވެ. އަދި މި މެޗުގެ ހަތަރުވަނަ ދުވަހުގެ ކުޅުމުގައި ވިއްސާރައިގެ ސަބަބުން ވެސްޓް އިންޑީޒްގެ ދެވަނަ އިނިންގްސްގެ ކުޅުން އިތުރަށް ކުރިއަށްނުގެންދެވި ވަނީ މެދުކަނޑާލާފައެވެ. ވެސްޓް އިންޑީޒްގެ ޝާއީ ހޯޕް ފިޔަވާ އިތުރު ކުޅުންތެރިއަކަށް ފަހު އިނިންގްސްގައި ރަނގަޅު ސްކޯއެއް ހެދިފައިނުވާއިރު، ކެޕްޓަން ހޯލްޑާ ނުބައިވީ އެންމެ 12 ލަނޑަށެވެ. މި އިނިންގްސްގައި ވެސްޓް އިންޑީޒްގެ ކުޅުންތެރިން މިހާ ދަށް ސްކޯއަކަށް ނުބައިކޮށްލުމުގައި މުހިއްމު ދައުރެއް އަދާކުރި އިންގްލެންޑްގެ ކްރިސް ވޯކްސް ހަ ވިކެޓްނެގިއިރު، ބްރޯޑް ހަތަރު ވިކެޓްނެގިއެވެ.

މި މެޗުގައި ނެގި ވިކެޓްތަކާ އެކު އިންގްލެންޑްގެ ބްރޯޑް ވަނީ ޓެސްޓް ކްރިކެޓްގައި މިހާތަނަށް 500 ވިކެޓް ހަމަކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ޓެސްޓް ސީރީޒްގެ މޮޅުކުޅުންތެރިއަކަށް ބްރޯޑް ހޮވުނުއިރު، ސީރީޒްގެ މޮޅުކުޅުންތެރިޔާގެ އެވޯޑް ހިއްސާކުރީ ވެސްޓް އިންޑީޒްގެ ރޮސްޓަން ޗޭސް އާއެކުއެވެ.