English Edition
Dhivehi Edition
ލެސްޓާ ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި ކުޅުނު އެންމެ ފަހު މެޗުތަކުން ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް މޮޅުވެ ގަދަ ހަތަރަކުން ޖާގަ ހޯދިއިރު، ބޯންމައުތުއާ ވަޓްފޯޑް ރެލިގޭޓްވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ވުލްވަހެމްޕްޓަން ވޮންޑަރާސް އަތުން 2-0 އިން ޗެލްސީ މޮޅުވިއިރު، ރަށުން ބޭރުގައި ލެސްޓާ ސިޓީ އަތުން ޔުނައިޓެޑް މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ. އެވަޓަން އަތުން ބޯންމައުތު 3-1 އިން މޮޅުވިއިރު، ވަޓްފޯޑް ވަނީ އާސެނަލް އަތުން 3-2 އިން ބަލިވެފައެވެ.

މިރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އުޅޭ ލިވަޕޫލަށް 38 މެޗުން 99 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އުޅޭ މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 81 ޕޮއިންޓެވެ. ތިންވަނައިގައި އުޅޭ ޔުނައިޓެޑާ ޗެލްސީ އަށް ވެސް 66 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ލީގު ތާވަލްގެ އެންމެ ފުލުގައި އޮވެ ސީޒަން ނިންމާލި ނޯވިޗް ސިޓީ އަށް 21 ޕޮއިންޓް ލިބިފައިވާއިރު، ދެން ރެލިގޭޓްވި ވަޓްފޯޑާއި ބޯންމައުތަށް ލިބިފައިވަނީ 34 ޕޮއިންޓެވެ. ރެލިގޭޝަން ޒޯނުގައި އޮތް އެސްޓަން ވިލާ ވަނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވުމުން ސަލާމަތްވެފައެވެ. އެ ޓީމަށް ލިބިފައިވަނީ 35 ޕޮއިންޓެވެ. ކުރީން 10 ވަނައިގައި އޮތް އާސެނަލުން މިރޭގެ މެޗު ކާމިޔާބުކޮށް ވަނީ ތާވަލްގެ 8 ވަނަ އަށް ޖެހިލާފައެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗަށް އެ ޓީމު ނިކުތްއިރު އާއްމުކޮށް ފުރަތަމަ އެގާރައިގައި ގަވާއިދުން ހިމެނެމުން އަންނަ ސްޕެއިނުގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލަގާގެ ބަދަލުގައި ފުރުޞަތުދީފައިވަނީ ވިލި ކަބަލޭރޯ އަށެވެ. މި މެޗުގައި އެ ޓީމުން ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގެ އިތުރުވަގުތުގައެވެ. އެގޮތުން، އެ ޓީމުގެ ފުރަތަމަ ލަނޑު، ލިބުނު ހިލޭޖެހުމަކުން އިނގިރޭސި ވިލާތުގެ ޒުވާން މިޑްފީލްޑަރު މޭސަން މައުންޓް ކާމިޔާބުކޮށްދިންއިރު، ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މި ގޯލާއެކު ޖިރޫ ވަނީ ލީގުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައިވެސް ލަނޑުޖަހާފައެވެ.

ވަޓްފޯޑާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

ލެސްޓާގެ ކިިންގްޕަވާ ސްޓޭޑިއަމްގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ ފަހު ހާފުގައި ބްރޫނޯ ފެނާންޑޭސް އާއި ޖެސޭ ލިންގާޑް ޖެހި ލަނޑުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލެސްޓާ އަށް ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާއިރު، މި ސީޒަނުގެ ރަންބޫޓް ހާސިލްކުރި ޖެމީ ވާޑީ އަށް ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑީގައިޖެހިފައެވެ.

ޔުނައިޓެޑުން ލީޑްނެގީ މެޗުގެ 71 ވަނަ މިނެޓުގައި އެންތަނީ މާޝިއަލް އަށް ލެސްޓާގެ ޖޮނީ އެވަންސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ފެނާންޑޭސް އެވެ. މިއީ ލީގުގައި އޭނާ ޖެހި ނުވަވަނަ ގޯލެވެ. މީގެއިތުރުން، މި ސީޒަނުގައި ރެކޯޑް އަދަދެއްކަމަށްވާ 14 ޕެނަލްޓީ ޔުނައިޓެޑަށް ވަނީ ލިިބިފައެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ލެސްޓާގެ އެވަންސް އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައިވަނިކޮށް، އެ ޓީމުގެ ކީޕަރު ކެސްޕާ ޝޫމެއިކަލް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޔުނައިޓެޑްގެ ދެވަނަ ލަނޑުޖެހީ ލިންގާޑެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗަށް ވަޓްފޯޑް ނިކުތީ ކޮންމެހެން ތިން ޕޮއިންޓް ހޯދަން މަޖުބޫރު ހާލަތުގައި އޮވެގެންނެވެ. އެހެންނަމަވެސް، މެޗުގެ ތިންވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޯބަމަޔަން ވަނީ އެ ޓީމަށް ލީޑްނަގައިދީފައެވެ. އަދި ވަޓްފޯޑުން ރަނގަޅަށް ހަމައަކަށް ނޭޅި އުޅެނިކޮށް މެޗުގެ 24 ވަނަ މިނެޓުގައި ސްކޮޓްލެންޑްގެ ފުލްބެކް ކިއެރަން ޓިއާނީ ވަނީ އާސެނަލަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. އޭގެ 9 މިނެޓު ފަހުން، އާސެނަލްގެ ތިންވަނަ ލަނޑުޖެހީ އޯބަމަޔަން އެވެ. މިއީ ލީގުގައި އޭނާ ޖެހި 22 ވަނަ ގޯލެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ވަޓްފޯޑަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ކެޕްޓަން ޓްރޮއީ ޑީނޭ ފަރަގު ކުޑަކުރިއެވެ. އަދި ދެވަނަ ހާފުގެ މެދަކާ ހިސާބުން ވަޓްފޯޑްގެ ދެވަނަ ލަނޑުޖެހީ އާސެނަލަށް ކުރީން ކުޅުނު އިނގިރޭސި ފޯވާޑް ޑެނީ ވެލްބެކް އެވެ. މިއީ އެ ޓީމުގެ އިސްމާއިލާ ސާ ނަގައިދިން ރީތި ހުރަހަކުން ވެލްބެކް ޖެހި ގޯލެކެވެ. އޭގެފަހުން، ވަޓްފޯޑަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާއިރު، އާސެނަލްގެ އޯބަމަޔަން އަށް ހެޓްރިކް ފުރިހަމަކުރުމަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ވަޓްފޯޑްގެ ކީޕަރު ބެން ފޮސްޓާ މަތަކުރިއެވެ.

ނޯވިޗް ސިޓީގެ ކުޅުންތެރިއެއް ކައިރިން މެންޗެސްޓާ ސިޓީގެ ކެވިން ޑި ބްރޭނާ (ވ) ގޯލަށް އަމާޒުކޮށް ބޯޅަ ފޮނުވާލަނީ. –ފޮޓޯ: ގެޓީ އިމޭޖަސް

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޗެމްޕިއަން ލިވަޕޫލް ވަނީ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެފައެވެ. މެޗުގެ ފުރަތަމަ މިނެޓުގައި ނިއުކާސަލްގެ ޑްވައިޓް ގޭލް ކާމިޔާބުކުރި ގޯލުން އެ ޓީމު ލީޑްނަގާފައިވަނިކޮށް، ވާޖިލް ވެން ޑައިކް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރީން ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި ދެވަނަ ހާފުގައި ޑިވޮކް އޮރީގީ އާއި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސަޑިއޯ މާނޭގެ ގޯލްތަކުން ލިވަޕޫލް ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

މެންޗެސްޓާ ސިޓީން ރެލިގޭޓްވެފައިވާ ނޯވިޗްގެ މައްޗަށް 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދިއިރު، އެ ޓީމުގެ ލަނޑުތައްޖަހައިދިނީ ގެބްރިއެލް ޖެސޫސް އާއި ރަހީމް ސްޓާލިން އަދި ރިޔާދް މާރޭޒްގެ އިތުރުން ކެވިން ޑި ބްރޭނާ އެވެ. ޑި ބްރޭނާ ވަނީ ދެލަނޑުޖަހައި އިތުރު ގޯލެއް ޖެހުމަށް އެހީތެރިވެދީފައެވެ. މިއާއެކު، އޭނާ ވަނީ ލީގުގައި 20 އެސިސްޓް ހަމަކޮށް, 2002/03 ވަނަ އަހަރު ލީގުގައި އާސެނަލްގެ ތިއެރީ އޮންރީގެ އެސިސްޓް ރެކޯޑާ އެއްވަރުކޮށްފައެވެ.

ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާ 1-1 އިން އެއްވަރުވިއިރު، ބްރައިޓަން ހޯވް އެންޑް އެލްބިއަން ވަނީ 2-1 އިން ބާންލޭ ބަލިކޮށްފައެވެ. ޝެފީލްޑް ޔުނައިޓެޑް އަތުން ސައުތެމްޓަން މޮޅުވީ 3-1 އިންނެވެ.