English Edition
Dhivehi Edition
ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ. --ފޮޓޯ: އޭޕީ

ޗެލްސީ އަށް ކުޅެމުން އަންނަ ސްޕެއިނުގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ އަށް ޕްރިމިއާ ލީގުގައި މާދަމާ ކުޅޭ މެޗުގައި ރެކޯޑެއް ގާއިމްކޮށް ތާރީޚުން ޖާގަ ހޯދުމުގެ ފުރުޞަތު ލިބިއްޖެއެވެ.

އެހެންނަމަވެސް، މިއީ އެއްވެސް ކުޅުންތެރިއަކު ބޭނުންވާނެ ކަހަލަ ރެކޯޑެއް ނޫނެވެ. ހާއްސަކޮށް ޓީމުގެ ދިފާއީ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ގޯލް ބަލަހައްޓާ ކީޕަރުންގެ އެންމެ ބޮޑު އަމާޒަކަށްވެފައިވަނީ ބައިކޮޅަށް ވަންނަ ގޯލްގެ އަދަދު މަދުކުރުމަށް ކަމަށްވީއިރު، ބައިކޮޅަށް ގިނަ ގޯލްތަކެއް ވަނުމުގެ ސަބަބުން ހުތުރު ރެކޯޑެއް އޮތުމަށް އެއްވެސް ކީޕަރެއް ބޭނުމެއް ނުވާނެއެވެ.

އެކަމަކު، އުމުރުން 25 އަހަރުގެ ކެޕާ މިހާރު މިސްރާބު ޖަހާފައިހުރީ ބައިކޮޅަށް ގިނަ ގޯލްތަކެއް ވަނުމުގެ ސަބަބުން ރެކޯޑެއް ގާއިމްކޮށް އެ ކްލަބުގެ ތާރީޚުން ޖާގަ ހޯދުމާ ގާތަށެވެ. ލީގުގައި ޗެލްސީ އެންމެ ފަހުން ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި 5-3 އިން ބަލިވިއިރު، އެ މެޗާ ހަމައަށް ކެޕާ ބަލަހައްޓަމުން އައި ޗެލްސީގެ ގޯލަށް 33 މެޗުން ވަނީ 47 ގޯލް ވަދެފައެވެ.

މިއާއެކު، ޕްރިމިއާ ލީގުގެ ތާރީޚުގައި ޗެލްސީގެ ކީޕަރެއް ކައިރިން މިހާތަނަށް ބައިކޮޅަށް އެންމެ ގިނަ ގޯލް ވަދެފައިވާ 1993/1994 ވަނަ އަހަރުގެ ސީޒަނުގައި ޑިމިޓްރީ ހަރީން (48)ގެ ރެކޯޑާ ހަމަކުރުމަށް ބޭނުންވަނީ އެންމެ ގޯލެކެވެ. އެ ފަހަރު ލީގުގައި ޗެލްސީ ކުޅުނު 42 މެޗުގެ ތެރެއިން 40 މެޗުގައި ހަރީން ވަނީ ކުޅެފައެވެ.

2018 ވަނަ އަހަރުގެ އޮގަސްޓް މަހު، ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި 91 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް ސްޕެއިނުގެ އެތުލެޓިކް ބިލްބާއޯ އިން ޗެލްސީ އަށް ބަދަލުވި ކެޕާ އަށް މި ސީޒަނުގައި ފަހަކަށް އައިސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވާތީވެ، އެ ޓީމުގެ އައު ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ބައެއް މެޗުތަކުގައި ބަދަލު ކީޕަރު ވިލީ ކަބަލޭރޯ އަށް ވެސް ފުރުޞަތުދީފައެވެ.

ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

އެހެންކަމުން، ލީގުގައި ވުލްވަހެމްޕްޓަން ވޮންޑަރާސްއާ ދެކޮޅަށް މާދަމާ ކުޅޭ މެޗުގެ މުހިއްމުކަން ޗެލްސީގެ އިތުރުން ކެޕާ އަށް ހުރިހާ ގޮތަކުން ވެސް ބޮޑެވެ. ޗެލްސީން ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރުމަށްޓަކައި މާދަމާގެ މެޗުން ކޮންމެހެން މޮޅުވާން މަޖުބޫރެވެ. އެކަމަކު، މާދަމާ ކުޅެވޭ އަނެއް މެޗުގައި ލެސްޓާ ސިޓީ އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެނަމަ ޗެލްސީ އަށް ވުލްވްސް އަތުން ޕޮއިންޓެއް ލިބުނަސް އަންނަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުން ފުރުޞަތު ލިބޭނެއެވެ.

މީގެއިތުރުން، ދާދިފަހުން އެފްއޭކަޕްގެ ސެމީ ފައިނަލްގައި ޔުނައިޓެޑާ ދެކޮޅަށް ނިކުތް މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ޗެލްސީގެ ކޯޗު ލަމްޕާޑް ވަނީ ޓީމުގެ ވަކިވަކި ކުޅުންތެރިންނަށް ހެދޭ ގޯސްތަކުގެ ސަބަބުން ބައިކޮޅަށް ގިނަ ގޯލްތަކެއް ވަންނަ ކަމަށް ފާހަގަކޮށްފައެވެ. އަދި ހާއްސަކޮށް މިފަދަ މައްސަލަތައް ދިމާވަނީ ޗެލްސީން ހަމަޖެހިލައިގެން ރަނގަޅަށް ކުޅެމުން ދަނިކޮށް، އިދިކޮޅު ޓީމުގެ ކައުންޓަ އެޓޭކްތައް ނުވަތަ ނަގައިދޭ ހުރަސްތައް ހުއްޓުވަން އެކަށީގެންވާ ވަރަށް ސަމާލުކަންނުދެވި، މަސައްކަތްނުކުރެވޭތީކަމަށް ވެސް ލަމްޕާޑް ބުންޏެވެ.

މި ފަހަރުގެ ސިޒަނުގައި މިހާތަނަށް ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު، 37 މެޗުން 96 ޕޮއިންޓާއެކު އެއްވަނައިގައި އުޅެނީ ލިވަޕޫލެވެ. އޭގެ 18 ޕޮއިންޓް ފަހަތުން ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު، ތިންވަނައިގައި އޮތް ޔުނައިޓެޑާ ހަތަރުވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. ޔުނައިޓެޑަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ޕްރިމިއާ ލީގުގައި މާދަމާ ކުޅޭ ހުރިހާ މެޗެއްވެސް ފަށާނީ ރާއްޖޭގަޑިން 20:00 ގައެވެ. އެގޮތުން، މާދަމާ ކުޅޭ ބައެއް މެޗުތަކަށް ބަލާއިރު، ޗެލްސީއާ ވުލްވްސް ބައްދަލުކުރާ މެޗުގެ އިތުރުން ލެސްޓާއާ ޔުނައިޓެޑް އަދި އާސެނަލްއާ ވަޓްފޯޑް ބައްދަލުކުރާ މެޗާއި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗު ހިމެނެއެވެ. އަދި ރެލިގޭޝަނާ ދުރަށް ޖެހިލުމަށް އެސްޓަން ވިލާ އިން ކުރާ މަސައްކަތުގެ ތެރެއިން ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުވެސް ފާހަގަކޮށްލެވެއެވެ.