ފްރެންޗް ކަޕްގެ ފައިނަލް މެޗުގައި 1-0 އިން ސެއިންޓް އެޓިއެން ބަލިކޮށް ޕީއެސްޖީން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ އަށް އަނިޔާވެ ހާސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.
މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ޕީއެސްޖީން ހޯދި 13 ވަނަ ފަހަރެވެ.
މިދިޔަ މާރިޗް މަހުގައި ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން ފްރާންސްގައި ކުޅިވަރު ހަރަކާތްތައް މެދުކަނޑާލިއިރު، އޭގެ މަހެއްހާ ދުވަސް ފަހުން ލީގު އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތެއް ނުފެނިގެން ކެންސަލް ކުރީ ޕީއެސްޖީ އަށް ޗެމްޕިއަންކަން ދީފައެވެ.
އެގޮތުން ރޭގެ މެޗަކީ ކޮވިޑް-19ގެ ސަބަބުން ކުޅިވަރު ހަރަކާތްތައް ހުއްޓުމަކަށް ގެނެސްފައިވާ ފްރާންސްގައި ސަޕޯޓަރުން ވައްދައިގެން ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. އެކަމަކު، މީގެކުރިން ޕީއެސްޖީން ވަނީ މަދު ސަޕޯޓަރުންތަކަކާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ.
ޕެރިހުގެ ސްޓެޑް ޑެ ފްރާންސްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ތަރި ނޭމާ އެވެ. މިއީ ސެއިންޓް އެޓިއެންގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެމްބާޕޭ ތަނަވަސްކުރި ފުރުޞަތަކުން ނޭމާ ކާމިޔާބުކުރި ގޯލެކެވެ.
ޕީއެސްޖީން ލަނޑުޖެހިތާ މާގިނައިރުތަކެއް ނުވަނީސް، އެ ޓީމުގެ ތިލޯ ކެރާ އާއި އެމްބާޕޭ ވަނީ ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުކޮށްފައެވެ. އެމްބާޕޭ އަށް އަނިޔާވީ ސެއިންޓް އެޓިއެންގެ ޑިފެންޑަރު ލޮއިކް ޕެރިން ކުރި ޓެކުލެއްގެ ސަބަބުންނެވެ. މި ފައުލްއާ ގުޅިގެން ޕެރިން އަށް ރެފްރީ އެންމެ ފުރަތަަމަ ރީނދޫ ކާޑެއް ދެއްކުމަށްފަހު، ފަހުން ވީއޭއާރްގެ އެހީ ހޯދުމަށް ފަހު ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.
މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އެމްބާޕޭ އަށް މި ލިބުނު އަނިޔާގެ ސަބަބުން އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށް ޕީއެސްޖީ އަށް އަންނަ މަހު އޮތް ޔުއެފާ ޗެމްޕިއަންސްލީގުގެ ކުއާޓާ ފައިނަލް މެޗުގައި ކުޅެވޭނެކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އެމްބާޕޭ ވަނީ މި ސީޒަނުގައި އެ ޓީމަށް މިހާތަނަށް ކުޅުނު 33 މެޗުގައި 30 ލަނޑު ޖަހާފައެވެ.
ޕީއެސްޖީ އަށް ދެން އޮތީ އަންނަ އޮގަސްޓްމަހުގެ އެއްވަނަ ދުވަހު އޮލިމްޕިކް ލިޔޯން އާ ދެކޮޅަށް ކުޅޭ ލީގު ކަޕްގެ ފައިނަލް މެޗެވެ. އޭގެ 12 ދުވަސް ފަހުން އެ ޓީމު ނިކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ.