އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީ އަތުން 5-3 އިން މޮޅުވެ، 30 އަހަރަށްފަހު ލިވަޕޫލުން ފުރަތަމަ ފަހަރަށް ލީގު ތަށި އުފުލާލައިފިއެވެ.
ލިވަޕޫލުން ލީގު ކަށަވަރުކުރީ ބާކީ ހަތް މެޗު އޮއްވާ، މީގެ ހަތަރު ހަފްތާ ކުރީން ޗެލްސީ އަތުން 2-1 އިން މެންޗެސްޓާ ސިޓީ ބަލިވުމުންނެވެ. އަދި ރޭގެ މެޗަށްފަހު އެ ޓީމަށް ލީގު ތަށި ދިނީ މިއީ މި ފަހަރުގެ ސީޒަނުގައި ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ފަހު މެޗަށްވުމުންނެވެ. މިއާއެކު ލިވަޕޫލުން ޖުމްލަ 19 ފަހަރު ލީގު ކާމިޔާބުކޮށްފައިވާއިރު، އެ ޓީމަށް ވުރެ ގިނަ އިން ލީގު ޗެމްޕިއަންކަން ކާމިޔާބުކުރުމުގެ ރެކޯޑް އޮތީ މި މުބާރާތް 20 ފަހަރު ކާމިޔާބުކޮށްފައިވާ މެންޗެސްޓާ ޔުނައިޓެޑް އަތުގައެވެ.
ރޭގެ މެޗުތަކަށްފަހު ލިވަޕޫލުން އެއްވަނައިގައި އޮތީ 37 މެޗުން 96 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ 18 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ސިޓީ އެވެ. ތިންވަނައިގައި އޮތް ޔުނައިޓެޑާއި ހަތަރުވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. ޔުނައިޓެޑަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ފަސްވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ލިބިފައިވަނީ 62 ޕޮއިންޓެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑްނަގައިދިނީ 23 ވަނަ މިނެޓުގައި ނަބީ ކެއިޓާ އެވެ. މިއީ ޗެލްސީގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްހެ ފައިދާނަގައި ކެއިޓާ ކާމިޔާބުކުރި ގޯލެކެވެ. އޭގެ 15 މިނެޓުފަހުން ލިބުނު ހިލޭޖެހުމަކުން އިނގިރޭސި ވިލާތުގެ ހުނަރުވެރި ފުލްބެކް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ވަނީ ލިވަޕޫލަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. އަދި ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ދިން ބޯޅައަކުން ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. ޗެލްސީ އިން ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އޮލިވިއޭ ޖިރޫ ކާމިޔާބުކުރި ގޯލުން ފަރަގު ކުޑަކުރިއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ނުވަ ވަރަކަށް މިނެޓުގެ ތެރޭގައި އެލެގްޒެންޑާ-އާނޯލްޑް ނަގައިދިން ރީތި ހުރަހަކުން ރޮބާޓޯ ފިރްމީނޯ ވަނީ ލިވަޕޫލްގެ ހަތަރުވަނަ ؛ލަނޑުޖަހައިދީފައެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ލީގުގައި އަމިއްލަ ދަނޑުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. އޭގެފަހުން، ޗެލްސީގެ ކޯޗު ފްރެންކް ލަމްޕާޑް ވަނީ ކްރިސްޓިއަން ޕުލިސިޗް އާއި ޓެމީ އެބްރެހަމް އަދި ކެލުމް ހަޑްސަން-އޮޑޯއީ ކުޅެން ނެރެފައެވެ. މިއާއެކު، ޗެލްސީގެ ކުޅުން އިތުރަށް ރަނގަޅުވެ އެ ޓީމުން ދިޔައީ ލިވަޕޫލްގެ ޑިފެންސަށް ބާރުބޮޑުކުރަމުންނެވެ. އޭގެ ނަތިޖާއެއްގެ ގޮތުން، މެޗުގެ 61 ވަނަ މިނެޓުގައި ޕުލިސިޗް ތަނަވަސްކުރި ފުރުޞަތަކުން އެބްރެހަމް ވަނީ ނަތީޖާ 4-2 އަށް ބަދަލުކޮށްލާފައެވެ.
އަދި އޭގެ 12 މިނެޓުފަހުން، ހަޑްސަން-އޮޑޯއީ ނަގައިދިން ރީތި ހުރަހަކުން ޕުލިސިޗް ވަނީ ވަރަށް ރީތި ގޯލެއް ކާމިޔާބުކޮށްފައެވެ. ލިވަޕޫލްގެ ފަހު ލަނޑު، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ކައުންޓަ އެޓޭކެއްގައި އެންޑްރޫ ރޮބަޓްސަން ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ އެލެކްސް އޮކްސްލޭޑް-ޗެމްބަލެއިން އެވެ.
ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ގަދަ ހަތަރެއްގެ އުއްމީދުގައި އޮތް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 1-1 އިން ވެސްޓް ހޭމް ޔުނައިޓެޑާ އެއްވަރުވެފައެވެ. އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކުރީން ލީޑްނެގީ ވެސްޓް ހޭމުންނެވެ. މިއީ ޔުނައިޓެޑްގެ ޕައުލް ޕޮގްބާގެ އަތުގައި ބޯޅައިން ޖެހުމުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ވެސްޓް ހޭމަށް ލީޑްނަގައިދިނީ މިވަގުތު ރަނގަޅު ފޯމެއްގައިހުރި މިކޭލް އެންޓޯނިއޯ އެވެ.
ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި އެންތަނީ މާޝިއަލް ދިން ބޯޅައަކުން އެ ޓީމުގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އެވެ. އޭގެފަހުން، ވެސްޓް ހޭމަށް ލީޑްނަގައިދިނުމަށް ޑެކްލަން ރީސް އާއި ޖަރެޑް ބޯވެން އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ފަހު ހާފުގައި ކުޅެން ނިކުތް ޔުނައިޓެޑްގެ ނައިޖީރިއާ ފޯވާޑް އޮޑިއޯން އިގާލޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
ރޭގެ މެޗުގައި ޖެހި ގޯލާއެކު ޔުނައިޓެޑްގެ އުމުރުން 18 އަހަރުގެ ގްރީންވުޑް ވަނީ މި ސީޒަނުގައި 17 ލަނޑު ހަމަކޮށް، 20 އަހަރުން ދަށުގެ ކުޅުންތެރިއެއްގެ ގޮތުގައި މިހާތަނަށް އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލް ކާމިޔާބުކޮށްފައިވާ ޔުނައިޓެޑްގެ ޖޯޖް ބެސްޓް އާއި ބްރަޔަން ކިޑް އަދި ވޭން ރޫނީގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ.