English Edition
Dhivehi Edition
އައްޑޫ ސިޓީގެ މަގެއްގައި ފެންބޮޑުވެފައި - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފި އެވެ.

އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ ގއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް އަދި ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓް ނެރެފައި ވަނީ މިއަދު 12:00 އިން ފެށިގެން 16:00 އާއި ހަމައަށެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ އެވެ.

މީގެ އިތުރުން އެ ސަރަޙައްދުތަކަށް އެ ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު،މިއަދު ހެނދުނު 10:00 އިންް މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

އަދި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ދިޔަވަރު ބޮޑު ވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވެއެވެ. އެހެންކަމުން ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ވަނީ އަންގައިފަ އެވެ.