މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިނުގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ނެތްތަން ފޫބެއްދޭނީ އެތުލެޓިކޯ މެޑްރިޑްގެ ޔެން އޮބްލަކް އަށް ކަމަށް ޔުނައިޓެޑްގެ ލެޖެންޑް ރިއޯ ފާޑިނާންޑް ބުނެފިއެވެ.
ފަހަކަށް އައިސް ޔުނައިޓެޑްގެ ގޯލް ބަލަހައްޓަމުން އަންނަ ޑެ ހެއާ އަށް ހެދޭ ގޯސްތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. ހާއްސަކޮށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވާދަވެރި ޗެލްސީއާ ދެކޮޅަށް ކުޅެވުނު އެފްއޭކަޕްގެ ސެމީ ފައިނަލް މެޗުން 3-1 އިން ޔުނައިޓެޑަށް ބަލިވީ އޭނާގެ ފަރާތުން ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ބުނެއެވެ.
މިކަމާ ގުޅޭގޮތުން އެ ޓީމުގެ ކުރީގެ ސެންޓްރަލް ޑިފެންޑަރު ފާޑިނާންޑް ބުނީ މިވަގުތަށް ބަލާއިރު ޓްރާންސްފާ ބާޒާރުގައި ބޮޑު ހޭދައެއްކޮށްގެން މެނުވީ ޑެ ހެއާ ނެތްތަން ފޫބެއްދުމަށްޓަކައި އެކަށީގެންވާ މޮޅު ކީޕަރެއް ނުލިބޭނެ ކަމަށެވެ.
“މިވަގުތު އެ އުޅެނީ ޑެ ހެއާގެ ފޯމުގެ މައްސަލައެއް، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެ މައްސަލައެއް ކަމަށް ވެސް ބެލެވޭ، އެކަމަކު އޭގެ މާނަ އަކީ އޭނާގެ ބަދަލުގައި އެހެން ކީޕަރެއް ހޯދުމެއް ނޫން. އެހެންނޫނަސް އޭނާގެ ބަދަލުގައި އެ މަގާމަށް ގެންނާނީ ކާކު؟” ބީޓީ ސްޕޯޓްގައި ވާހަކަ ދައްކަމުން ފާޑިނާންޑް ބުންޏެވެ.
ފާޑިނާންޑް ބުނީ ޔުނައިޓެޑަށް ޑެ ހެއާގެ ބަދަލުގައި ދުނިޔޭގެ ފެންވަރުގެ އެހެން ކީޕަރެއް ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި، މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ގޯލްކީޕަރު ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ އެތުލެޓިކޯގެ އޮބްލަކްް ފިޔަވައި އެހެން ކުޅުންތެރިއަކަށް ޑެ ހެއާ ނެތްތަން ފޫބެއްދޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް ބުންޏެވެ.
“މިވަގުތަށް ބަލާއިރު ދުނިޔޭގެ ފެންވަރުގެ މޮޅު ކީޕަރެއް ހޯދުމަކީ ފަސޭހަކަމެއް ނޫން. އަދި އަހަރެންގެ ނަޒަރުގައި ޑެ ހެއާ ނެތްތަން ފޫބެއްދުމަށް ގެނެވޭނެ ހަމައެކަނި ކީޕަރަކީ އެތުލެޓިކޯގެ އޮބްލަކް،”
“އެކަމަކު، އޮބްލަކް ގެނައުމަށްޓަކައި ބޮޑު ހޭދައެއް ކުރަންޖެހޭނެ، އަނެއްކޮޅުން އެތުލެޓިކޯ އިން އޭނާ ދޫކޮށްލާނެކަމުގެ ޔަގީންކަމެއް ވެސް ނެތް. މިވަގުތަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ ޑެ ހެއާ އާއެކު ޔުނައިޓެޑް ކުރިއަށްދިއުން.” ފާޑިނާންޑް ބުންޏެވެ.
މީގެއިތުރުން، ޗެލްސީއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗަށްފަހު އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވެސް ވަނީ ޑެ ހެއާގެ ދިފާއުގައި ވާހަކަދައްކާފައެވެ. ސޯލްޝެއާ ބުނީ ފުޓްބޯޅައިގެ އެކަހަލަ ދުވަސްތައް ވެސް އަންނާނެ ކަމަށާއި ޑެ ހެއާ އަށް އޮންނަ އިތުބާރު ނުގެއްލޭ ކަމަށެވެ. އެހެންނަމަވެސް، ލީގުގައި ކުރިއަށް މެޗުގައި ޔުނައިޓެޑުން ބޭނުންކުރާނީ ދެވަނަ ކީޕަރު ސާޖިއޯ ރޮމޭރޯ ތޯ ނޫސްވެރިއަކު ސުވާލުކުރުމަށް އޭގެ ސީދާ ޖަވާބެއް ދޭން ސޯލްޝެއާ ދެކޮޅު ހެދިއެވެ. އެކަމަކު، ލީގުގައި މިރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ނިކުންނަ ޔުނައިޓެޑްގެ ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިން ހާމަކުރިއިރު ޑެ ހެއާ އަށް ވަނީ ފުރުޞަތުދީފައެވެ.