English Edition
Dhivehi Edition

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެޗްއާރުސީއެމްގެ ހަތަރު މެންބަރުންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު 5 އޯގަސްޓު 2020 ވާ ބުދަ ދުވަހުގެ 12:30 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި ކުށުގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖުލައި 23، އޯގަސްޓު 4 އަދި 5 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، އެޗްއާރުސީއެމްގެ މެންބަރުކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޒާހިދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ މިއަދު ފާސްކޮށްފަ އެވެ،

އެޗްއާރުސީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ރައީސް ޔާމީންގެ ވެރިކަމުގައި އެޗްއާރުސީއެމް އަށް އައްޔަންކުރެއްވި ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޒާހިދު އާއި މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އާއިޝަތު އަފްރީން މުހައްމަދެވެ. އެޗްއާރުސީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި އައިމިނަތު އީނާސް އަދި މެމްބަރު އައިޝަތު އަފްރީންގެ އިތުރުން މޫސާ އަލީ ކަލޭފާނު މަގާމުން ވަކިކުރުމުގެ މަސައްކަތްވެސް މަޖިލީހުން ކުރިއަށް ގެންގޮސްފައިވާއިރު އެ ބޭފުޅުން ވަކިކުރުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް ވަނީ އިސްތިއުފާ ދެއްވާފައެވެ.