އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ވަޓްފޯޑް އަތުން މެންޗެސްޓާ ސިޓީ 4-0 އިން މޮޅުވިއިރު، އާސެނަލް 1-0 އިން ބަލިކޮށް އެސްޓަން ވިލާ އިން ރެލިގޭޝަނާ ދުރަށް ޖެހިލުމުގެ ފުރުޞަތު ބޮޑުކޮށްފިއެވެ.
ރޭގެ ނަތީޖާއާއެކު އަދިވެސް އެއްވަނައިގައި އުޅެނީ ލިވަޕޫލެވެ. އެ ޓީމަށް 36 މެޗުން 93 ޕޮއިންޓް ލިބިފައިވާއިރު، އޭގެ 15 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ސިޓީ އެވެ. ތިންވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި ލެސްޓާ ސިޓީ އޮތީ 62 ޕޮއިންޓާއެކު އެވެ. ރޭ ކުޅުނު މެޗުތަކަށްފަހު ރެލިގޭޝަން ޒޯންގައި އޮތް ޓީމުތަކަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެގޮތުން، ރޭގެ މެޗުން ބަލިވެ ވަޓްފޯޑް 18 ވަނަ އަށް ވެއްޓުނުއިރު، އާސެނަލް އަތުން ހޯދި މޮޅާއެކު ވިލާ ވަނީ 17 ވަނަ އަށް ޖެހިލާފައެވެ.
ސިޓީން ރޭގެ މެޗަށް ނިކުތީ އެންމެ ފަހުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅެވުނު އެފްއޭކަޕްގެ ސެމީ ފައިނަލްގައި އާސެނަލް އަތުން 2-0 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރައަށް ހަތަރު ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ބެންޖަމިން މެންޑީ، އިލްކާއި ގުންޑޮގަން އާއި ޑޭވިޑް ސިލްވާގެ އިތުރުން ރިޔާދް މާރޭޒްގެ ބަދަލުގައި ރޭގެ މެޗުން ފުރުޞަތުދީފައިވަނީ ޔާއޯ ކަންސޭލޯ، ރޮޑްރީ އާއި ބެނާޑޯ ސިލްވާ އަދި ފިލް ފޯޑެން އަށެވެ.
ވަޓްފޯޑްގެ ވިކަރޭޖް ރޯޑްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ދެ ލަނޑުޖެހިއެވެ. އެ ޓީމުގެ މި ދެ ލަނޑުވެސް ޖެހީ އިނގިރޭސި ވިންގާ ރަހީމް ސްޓާލިން އެވެ. މި ދެ ގޯލާއެކު މި ސީޒަނުގައި ސްޓާލިން އެ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 19 އަށް އަރާފައެވެ. ސްޓާލިން ޖެހި ދެވަނަ ގޯލަކީ ވިލް ހިއުސް އޭނާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ފޮނުވާލުމުން ވަޓްފޯޑްގެ ކީޕަރު ބެން ފޮސްޓާ މަތަކުރުމުން ރީބައުންޑްގައި ސްޓާލިން ކާމިޔާބުކުރި ގޯލެކެވެ.
ރޭގެ މެޗުގައި ސިޓީން ޖެހި ތިންވަނަ ލަނޑު، މެޗުގެ 63 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ ފޯޑެން ކާމިޔާބުކުރިއިރު، އޭގެ ހަތަރު މިނެޓުފަހުން ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ހިލޭޖެހުމަކުުން ފޮނުވާލި ބޯޅައަކުން އައިމެރިކް ލަޕޯޓް ވަނީ ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ. މިއީ މި ސީޒަނުގައި ޑި ބްރޭނާ ހެދި 19 ވަނަ އެސިސްޓެވެ. މީގެކުރީން، އާސެނަލްގެ ތިއެރީ އޮންރީ 20 އެސިސްޓް ހަދައިގެން ގާއިމްކޮށްފައިވާ ރެކޯޑާ އަރާ ހަމަކުރުމަށް ޑި ބްރޭނާ މިހާރު ބޭނުންވަނީ އެންމެ އެސިސްޓެކެވެ.
ލީގުގައި ރޭ ކުޅުނު އަނެއް މެޗަށް އާސެނަލް ނިކުތްއިރު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެފްއޭކަޕް ސެމީ ފައިނަލްގައި 2-0 އިން ސިޓީ އަތުން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ފަސް ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ކުޅުން ކުޅުންތެރިންކަމަށްވާ ނިކޮލަ ޕެޕޭ، ހެކްޓަ ބެލަރީން، ގްރެނިޓް ޒާކާ އާއި އައިންސްލީ މެޓްލަންޑް-ނައިލްސްގެ އިތުރުން ކިއެރަން ޓިއާނީ އަދި ޝްކޮޑްރަން މުސްތާފީގެ ބަދަލުގައި އެޑީ އެންކީޓިއާ، ސެޑްރިކް ސޮއަރޭސް، ލޫކަސް ޓޮރޭރާ، ބުކާޔޯ ސާކާ އާއި ރޮބް ހޯލްޑިން އަދި ސެއަދު ކޮލާސިނަޗަށް ފުރުޞަތުދީފައިވެއެވެ.
ވިލާ ޕާކްގައި ރޭ ކުޅުނު މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް މަހުމޫދު ޓްރެޒެގޭ އެވެ. މި ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް އާސެނަލަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ތަނަވަސްކުރެވިފައެއްނުވެއެވެ.
ދެވަނަ ހާފުގައި ވިލާގެ ކެއިނާން ޑޭވީސް އަށް އެ ޓީމުގެ ލީޑް އިތުރަށް ފުޅާކުރުމަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު، ނަތީޖާ ހަމަހަމަކުރުމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ސަސްޕެންޝަނަކަށްފަހު ކުޅުމަށް އެނބުރި އައި އާސެނަލްގެ ޒުވާން ފޯވާޑް އެންކީޓިއާ ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތީދަނޑީގައި ޖެހިފައި ނިކުތުމުން ވިލާގެ ކީޕަރު ޕެޕޭ ރެއިނާ ސަލާމަތްކުރިއެވެ. މިއީ ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި ލީގުގައި ވިލާ އަތުން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު، ގަދަ ހަތަރެއްގެ ޖާގައަކަށް މަސައްކަތްކުރަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ނިކުންނައިރު، ޗެމްޕިއަން ލިވަޕޫލް ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.