އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި ލާޒިއޯ އަތުން 2-1 އިން ޔުވެންޓަސް މޮޅުވެ ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލިއިރު، މި މެޗުގައި ޖެހި ލަނޑުތަކާއެކު އެ ޓީމުގެ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އިޓާލިއަން ލީގާއި، ސްޕެނިޝް ލީގު އަދި އިނގިރޭސި ޕްރިމިއާ ލީގުގައި 50 ގޯލް ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދައި، ރެކޯޑެއް ގާއިމްކޮށްފައެވެ.
ރޭގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އުޅޭ ޔުވެންޓަސް އަށް 80 ޕޮއިންޓް ލިބިފައިވާއިރު، އޭގެ 8 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އިންޓަ މިލާނެވެ. ތިންވަނައިގައި އޮތް އެޓަލާންޓާ އަށް ލިބިފައިވަނީ 71 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ލާޒިއޯ އޮތީ 69 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި މޮޅެއް ނުހޯދި ނިންމާލަންޖެހުމުން ޔުވެންޓަސް އިން ރޭގެ މެޗަށް ނިކުތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި ސަސުއޮލޯއާ 3-3 އިން އެއްވަރުވި މެޗުގެ ފުރަތަމަ އެގާރައަށް ހަ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ޑަނީލޯ، ޖިއޯޖިއޯ ކިއެލީނީ އާއި މިރަލެމް ޕިޔަނިޗް އަދި ބްލައިޒް މަޓުއިޑީގެ އިތުރުން ފެޑެރީކޯ ބާނަޑެސްކީ އާއި ގޮންޒާލޯ ހިގުއައިންގެ ބަދަލުގައި ހުއާން ކުއަޑްރާޑޯ، ލިއޮނާޑޯ ބޮނޫޗީ، އެޑްރިއެން ރަބިއޯ އާއި އާރޮން ރަމްސީގެ އިތުރުން ޕައޮލޯ ޑިބާލާ އަށް އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ ފުރުޞަތުދީފައެވެ.
ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ މާގިނަ ފުރުޞަތުތަކެއް ތަނަވަސްކުރެވިފައެއްނުވެއެވެ. މި ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި މެޗުގެ 11 ވަނަ މިނެޓުގައި ޔުވެންޓަސްގެ އެލެކްސް ސެންޑްރޯ ބޮލުން ފޮނުވާލި ބޯޅައެއް ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވާއިރު، ފުރަތަމަ ހާފު ނިމެންދަނިކޮށް ޕެނަލްޓީއޭރިޔާ ބޭރުން ލާޒިއޯގެ ޗީރޯ އިމޯބިލޭ ފޮނުވާލި ހަމަލާވެސް އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަވަނަ މިނެޓުގައި ޔުވެންޓަސް އިން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ އެވެ. މިއީ ލާޒިއޯގެ ޑިފެންޑަރު ބަސްޓޯސް އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ދިނުމުގެ ކުރީން ރެފްރީ އެންމެ ފުރަތަމަ ނިންމީ ހިލޭޖެހުމަށް ދޭށެވެ. ނަމަވެސް، ފަހުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީގެ ނިންމުން ބަދަލުކުރިއެވެ. މި ޕެނަލްޓީ ރޮނާލްޑޯ ފޮނުވާލުމުން ގޯލްގެ ތެރެއަށް ވަނީ ލާޒިއޯގެ ގޯލްކީޕަރު ތޯމަސް ސްޓްރަކޯޝާގެ އަށްދަށުން ގޮހެވެ. މިއީ އިޓާލިއަން ލީގުގައި އޭނާ ޖެހި 50 ވަނަ ގޯލެވެ.
ޔުވެންޓަސްގެ ދެވަނަ ލަނޑު، އޭގެ ތިން މިނެޓުފަހުން ކާމިޔާބުކޮށްދިނީ ވެސް ރޮނާލްޑޯ އެވެ. މިއީ ލާޒިއޯގެ ލުއިޒް ފެލިއްޕޭ އަތުން ބޯޅަ ހޯދުމަށްފަހު އަވަސް އެޓޭކެއްގައި ޑިބާލާ ތަނަވަސްކުރި ފުރުޞަތަކުން ރޮނާލްޑޯ ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، ޔުވެންޓަސްގެ ލީޑް އިތުރަށް ފުޅާކޮށް ރޮނާލްޑޯ އަށް ހެޓްރިކް ފުރިހަމަކުރުމަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ލާޒިއޯގެ ހަމައެކަނި ލަނޑުޖަހައިދިނީ އެ ޓީމުގެ އިޓަލީ ފޯވާޑް ޗީރޯ އިމޯބިލޭ އެވެ. މިއީ ޔުވެންޓަސްގެ ކެޕްޓަން ބޮނޫޗީ އާއި ކީޕަރު ވޮޝިއެކް ޝެޒްނީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި އިމޯބިލޭ ބޯޅަ ހިފަައިގެންދާން އުޅުމުގެ ތެރޭގައި ބޮނޫޗީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މެޗު ނިމުމުގެކުރީން، ލާޒިއޯ އަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ލިބުނު ފުރުޞަތުގައި ސަރްގެއި މިލިންކޮވިޗް-ސަވިޗް ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ޔުވެންޓަސްގެ ކީޕަރު ޝެޒްނީ މަތަކުރިއެވެ.
ރޭގެ މެޗުގައި ޖެހި ގޯލްތަކާ އެކު ރޮނާލްޑޯ އާއި އިމޯބިލޭ ވަނީ މި ސީޒަނުގެ ލީގުގައި 30 ގޯލް ހަމަކޮށްފައެވެ. އަދި ރޭ ޖެހި ޕެނަލްޓީތަކާ އެކު ދެ ކުޅުންތެރިން ވެސް މި ފަހަރު ލީގުގައި ޖެހި ޕެނަލްޓީގެ އަދަދު ވަނީ 12 އަށް އަރާފައެވެ. މިއާއެކު، މި ދެ ކުޅުންތެރިން ވަނީ 1995/96 ވަނަ އަހަރު ސީޒަނުގައި ލީގުގައި ލާޒިއޯގެ ޖިސެއްޕޭ ސިގްނޯރީ 12 ޕެނަލްޓީ ޖަހައިގެން ހެދި ރެކޯޑާ އަރާ ހަމަކޮށްފައެވެ.
މީގެއިތުރުން، އިމޯބިލޭ އަކީ ލީގުގައި 30 އަށްވުރެ ގިނަ ގޯލްޖެހި އިޓަލީގެ ފަސްވަނަ ކުޅުންތެރިޔާ އެވެ. މީގެކުރިން، ޖިސެއްޕޭ މެއަޒާ (1929/30)، ފެލިސް ބޮރެލް (1933/34)، އެންޓޯނިއޯ އެންޖެލީލޯ (1958/59) އަދި ލޫކާ ޓޯނީ (2005/06) ވަނީ ސީޒަނެއްގައި 30 ލަނޑުޖަހާފައެވެ. އަދި ރޭގެ މެޗުގައި ޖެހި ގޯލްތަކާ އެކު ރޮނާލްޑޯ ވަނީ ޔުވެންޓަސްގެ ތާރީޚުގައި 30 ލަނޑު ހަމަކުރި ތިންވަނަ ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައެވެ. މީގެކުރީން، މި އަދަދަށް ގޯލްޖަހާފައިވަނީ ބޮރެލް (1933/34 – 31 ގޯލް) އާއި ޖޯން ހެންސަން (1951/52 – 30 ގޯލް) އެވެ.
ރޮނާލްޑޯ ބުނީ ރެކޯޑް ހެދުމަކީ މުހިއްމުކަމަކަށްވީހިނދު އެންމެ މުހިއްމީ ޓީމަށް މޮޅެއް ހޯދައިދިނުން ކަމަށެވެ. އަދި ޔުވެންޓަސް އިން އަބަދުވެސް މަސައްކަތްކުރަނީ އެއް މެޗަށް ވުރެ އަނެއް މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކުމަށް ކަމަށާއި، އެގޮތުން މި މެޗުގެ ނަތީޖާއިން ވެސް އޭނާގެ ޓީމުގެ ވަރުގަދަކަން ފެނިގެންގޮސްފިކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.
“ރެކޯޑު ހެދުމަކީ އަބަދުވެސް މުހިއްމުކަމެއް، އެކަމަކު އެންމެ މުހިއްމީ ޓީމަށް މޮޅެއް ހޯދައިދިނުން.” ރޮނާލްޑޯ ބުންޏެވެ.
ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ޔުވެންޓަސްގެ ކޯޗު ސާރީ ވަނީ ރޮނާލްޑޯ އަށް ތައުރީފުކޮށްފައެވެ. ސާރީ ބުނީ ރޮނާލްޑޯ އަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއްކަމަށާއި، އޭނާ އަކީ ދެ މެޗު ދޭތެރޭގައި ފިޒިކަލީ އަދި މެންޓަލީ ވެސް ވަރަށް އަވަހަށް ރިކަވާ ވުމުގެ ގާބިލްކަން ހުރި ކުޅުންތެރިއެއް ކަމަށް ވެސް ސާރީ ފާހަގަކުރިއެވެ.