މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން، 1956 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް މި އަހަރު ނުދޭގޮތަށް ނިންމައިފިއެވެ.
މި ފަހަރުގެ ބެލޮންޑިއޯ އެވޯޑް ނުދޭން ނިންމާފައިވަނީ، ވޭތުވެދިޔަ 64 އަހަރުގެ ތެރޭގައި މި އެވޯޑާ ގުޅޭ އެންމެހާ ކަންކަމުގައި އިސްކޮށް އުޅޭ ފްރާންސް ފުޓްބޯލް މެގަޒިންގެ ބެލެނިވެރިފަރާތް ކަމުގައިވާ ލެ އިކުއިޕޭ ގްރޫޕުންނެވެ.
އެގޮތުން، ފްރާންސް ފުޓްބޯލް މެގަޒިންގެ އެޑިޓަރ އިން ޗީފް ޕަސްކާލް ފޭރާ ވިދާޅުވީ މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ނުދޭން ނިންމީ، ކޮވިޑް-19ގެ ސަބަބުން މި ފަހަރުގެ ފުޓްބޯޅަ ސީޒަން ގިނަ ދުވަސްތަކަކަށް މެދުކަނޑާލަން ޖެހުމުން، އެކި ގޮތްގޮތުން ވިސްނުމަށް ފަހު މިއީ މިވަގުތަށް އެންމެ ރަނގަޅު ނިންންމުންކަމަށް ގަބޫލުކުރެވޭތީކަމަށެވެ.
“އަހަރެމެންނަށް ގަބޫލުކުރެވުނީ މިއީ އެހެން އަހަރުތަކާ މުޅީން ތަފާތު އަހަރެއްކަމަށް، އެހެންކަމުން މިއީ އާދައިގެ އަހަރެއްގެ ގޮތުގައި ބެލެވޭކަށް ނެތް،” ލެ އިކުއިޕޭ އިން ނެރުނު ބަޔާނުގައިވެއެވެ.
“އެހެންނޫނަސް، މުޅި ސީޒަނުގެ ކުޅުމަށް ބަލާފައި 11 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަނޑައެޅި ނިންމޭ ނިންމުންތަކެއްގެ މައްޗަށް ބިނާކޮށް މި އެވޯޑްދޭއިރު، އަހަރުގެ ފުރަތަމަ ދެ މަހުގެ ޕާޕޯމަންސަށް ބަލާފައި ވަކިގޮތަކަށް ނިންމުމަށްޓަކައި އިވެލުއޭޓްކޮށް ޖަޖްކުރުމަށް މިއީ އެކަށީގެންވާ މުއްދަތެއް ނޫން.”
އަދި މި ފަހަރުގެ އެވޯޑް ނުދިނުމަށް ނިންމީ ވަރަށް އުނދަގުލުން ކަމަށާއި، މި ނިންމުމާ ގުޅިގެން އެންމެންގެ ކުރިމަތީގައި ބެލޮންޑިއޯ އެވޯޑަކީ ގަބޫލުކުރާ އެއްޗެއްގެ ގޮތުގައި އަބަދަށް ދެމިއޮތުމަށް އެހީތެރިވާނެކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި ވަކިވަކި ކުޅުންތެރިންނަށްދެވޭ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ހިމެނޭ ބެލޮންޑިއޯ އެވޯޑް، 1995 ވަނަ އަހަރާ ހަމައަށް ދެމުން އައީ ހަމައެކަނި ޔޫރަޕްގެ ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ޔޫރަޕްގެ ކްލަބުތަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިއަކަށް ވެސް ލިބޭގޮތަށް ބަދަލުކުރުމަށްފަހު، 2007 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގެ ކޮންމެ ގައުމެއްގެ ކުޅުންތެރިއަކަށް ލިބޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި 2010 އިން 2015 ވަނަ އަހަރާ ހަމައަށް ދިނީ ފީފާއިން ދޭ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގައެވެ.
އެންމެ ފަހުގެ ބެލޮންޑިއޯ އެވޯޑް މިދިޔަ އަހަރު ހާސިލްކުރީ ބާސެލޯނާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. އަދި މިހާތަނަށްއައިއިރު މި އެވޯޑް އެންމެ ގިނަ ފަހަރު ހޯދާފައިވަނީ ވެސް މެސީ އެވެ. އެގޮތުން، މެސީ މި އެވޯޑް ޖުމްލަ ހަ ފަހަރު ހާސިލްކޮށްފައިވާއިރު، އޭނާއާ އެންމެ ވާދަވެރި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިފައިވަނީ ފަސް ފަހަރެވެ.