English Edition
Dhivehi Edition
10 ޖުލައި 2020 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫ އަށް އުދަ އަރަނީ - ފޮޓޯ: ޓްވިޓާ

އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފި އެވެ.

އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް، މިއަދު 12:00 އިން ފެށިގެން 16:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވެއެވެ.

މި ހިނގާ ޖުލައި މަހުގެ ތެރޭގައި މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާފައިވާއިރު، އައްޑޫ ސިޓީގެ ބައެއް ރަށްތަކަށްވެސް ވަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.

މީގެ އިތުރުން ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް 13:00 އިން 17:00 އާއި ހަމައަށް، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ހުދު ސަމާލުވެސް ނެރެފައެވެ.

މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އާއި ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން ހުޅަނގާއި ހުޅަނގުއުތުރުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި، ދެކުނުގެ އަތޮޅުތަކަަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

އަދި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން އާންމުކޮށް ހުރިހާ ފަރާއްތަކުން މޫސުުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.