English Edition
Dhivehi Edition
ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް. --ފޮޓޯ: އޭޕީ

އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލް ދެވަނަ މެޗުގައި މިރޭ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރެވޭނީ ވަކިވަކި ކުޅުންތެރިންނަށް ހެދޭ ގޯސްތައް ނައްތާލައިގެން ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

މިރޭގެ މެޗަކީ މި ސީޒަނުގައި ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ކުޅޭ ހަތަރުވަނަ މެޗެވެ. މި ފަހަރުގެ ސީޒަނުގައި މި ދެ ޓީމު މިހާތަނަށް ލީގުގައި ކުޅުނު ދެ މެޗާއި، ކަރަބާއޯ ކަޕްގައި ކުޅުނު މެޗު ވެސް ކާމިޔާބުކުރީ ޔުނައިޓެޑެވެ. އަދި، މީގެކުރީން 2010/2011 ވަނަ އަހަރުގެ ސީޒަނުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު ހަތަރު މެޗު ވެސް ޔުނައިޓެޑް ކާމިޔާބުކޮށްފައިވުމާއެކު މިރޭގެ މެޗު ހުރިހާ ގޮތަކުން ވެސް ފޯރިގަދަ ވެގެންދާނެއެވެ.

ލަމްޕާޑް ބުނީ ޗެލްސީން އަބަދުވެސް ކޮންމެ މެޗަކަށް ތައްޔާރުވުމުގެ ގޮތުން ޑިފެންސިވް ކުޅުން ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވޭ ކަމަށާއި، އެހެންނަމަވެސް މި ސީޒަނުގައި އެ ޓީމުގެ ވަކިވަކި ކުޅުންތެރިންނަށް ހެދިފައިވާ ގޯސްތަކުގެ ސަބަބުން މެޗުތަކުގެ ނަތީޖާއަށް ބުރޫ އަރާކަމަށެވެ.

“ކޮންމެ މެޗަކަށް ތައްޔާރުވުމުގެ ގޮތުން ޑިފެންސިވް ގޭމް ރަނގަޅު ކުރުމަށް އިސްކަންދީގެން ގިނަ މަސައްކަތްތަކެއް ކުރެވޭ، މިއީ ތަކުރާރުކޮށް ކުރަންޖެހޭ ކަމެއް.”

“ނަމަވެސް، މި ސީޒަނުގައި އަހަރެމެނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވަކިވަކި ކުޅުންތެރިންނަށް ހެދޭ ގޯސްތަކުން މެޗުގައި ނަތީޖާ ނުނެރެވުން.” ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް ބުނީ ޗެލްސީން މި ފަހަރުގެ ސީޒަނުގައި ކުޅުނު ބައެއް މެޗުތަކުގައި އެ ޓީމުން ހަމަޖެހިލައިގެން ރަނގަޅަށް ކުޅެމުން ދަނިކޮށް، އިދިކޮޅު ޓީމުގެ ކައުންޓަ އެޓޭކްތައް ނުވަތަ ނަގައިދޭ ހުރަސްތައް ހުއްޓުވަން އެކަށީގެންވާ ވަރަށް ސަމާލުކަންނުދެވި، މަސައްކަތްނުކުރެވޭ ކަމަށެވެ. ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަކީ އެހެން މެޗުތަކާ މުޅީން ތަފާތު މެޗެއްކަމަށާއި، އެ މެޗުން ބަލިވީ ޓީމެއްގެ ގޮތުގައި ރަނގަޅަށް ނުކުޅެވުމުން ކަމަށް ވެސް ލަމްޕާޑް ފާހަގަކުރިއެވެ.

ލީގުގައި މިދިޔަ ފެބުރުއަރީ މަހު އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ރޮއިޓާސް

“މި ސީޒަނުގައި އަހަރެމެން ކުޅުނު ބައެއް މެޗުތަކުގައި ރަނގަޅަށް ކުޅެމުންދިޔަނަމަވެސް، ނަތީޖާ އަނެއް ކޮޅަށް އެނބުރިގެން މިދަނީ އިދިކޮޅު ޓީމުގެ ކައުންޓާ އެޓޭކްތަކުގެ އިތުރުން ނަގާ ހުރަސްތައް ހުއްޓުވުމަށް ޕެނަލްޓީއޭރިޔާތެރޭގައި އެކަށީގެންވާ ވަރަށް މަސައްކަތްނުކުރެވޭތީވެ،”

“ނަމަވެސް، ޝެފީލްޑް އަތުން ބަލިވީ، ޓީމެއްގެ ގޮތުގައި އަހަރެމެންނަށް ރަނގަޅަށް ނުކުޅެވުމުން. އެކަމަކު، ފަހަކަށްއައިސް މެޗުތަކުގެ މުހިއްމު ވަގުތުކޮޅުގެ ތެރޭގައި ހެދޭ ގޯސްތަކުގެ ސަބަބުން މުޅި މެޗުގެ ނަތީޖާއަށް ބަދަލުއައިސްފައިވާކަން ފާހަގަކޮށްލަންޖެހޭ.” ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް އިތުރަށް ބުނީ، މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ޔުނައިޓެޑާ ދެކޮޅަށް ނިކުންނައިރު މި ހުރިހާ ކަމަކަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށާއި، އެ ޓީމުން ފަހަކަށްއައިސް ދައްކަމުންދާ ކުޅުމަށް ބަލާއިރު ކޮންމެ ޓީމެއްގެ ޑިފެންސަށް ވެސް ނުރައްކާކުރުމުގެ ގާބިލްކަން ހުރިކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

އަދި ލަމްޕާޑް ވަނީ ލީގުގައި އެންމެ ފަހުން ނޯވިޗް ސިޓީ އަތުން 1-0 އިން މޮޅުވި މެޗުގައި ބައިކޮޅަށް ލަނޑެއްވަނަނުދީ ނިންމާލެވުމުން ހިތްހަމަޖެހޭކަމަށާއި، އެހެން ނަމަވެސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަކީ މުޅީން ތަފާތު އަދި ކުރީ މެޗަށްވުރެ ހުރިހާ ގޮތަކުން ވެސް އުނދަގޫ މެޗަކަށް ވާނެ ކަމަށް ވެސް ބުނެފައެވެ.

އެފްއޭކަޕްގެ ދެވަނަ ސެމީގައި ޔުނައިޓެޑާއި ޗެލްސީ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 22:00 ގައެވެ. މި މެޗުން މޮޅުވާ ޓީމެއް އަންނަ އޯގަސްޓް މަހުގެ އެއް ވަނަ ދުވަހު ކުޅޭ ފައިނަލްގައި ނުކުންނާނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އާސެނަލްއާ ދެކޮޅަށެވެ.