English Edition
Dhivehi Edition
ދިޔަވަމުންދާތީ އެމްއެންޑީއެފުން އެހީތެރިވި "އިނާމް" ބޯޓް - ފޮޓޯ: އެމްއެންޑީއެފް

ދިޔަވަމުންދިޔަ ބޯޓަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން ބުނީ އެމްޕީއެލް ސަރަޙައްދުގައި ބުދާ ބަރުކުރަމުން ދިޔަ “އިނާމް” ނަމަކަށް ކިޔާ 65 ފޫޓުގެ ސަޕްލައި ދޯންޏެއް ދިޔަވާތީ، އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ޕަމްޕް ބޭނުންކޮށްގެން ދިޔަ ހިއްކުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ޙަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އެ ހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ ރޭ 22:39 ހާއިރު ކަމަށެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް އަދި ސާފެއް ނުވެއެވެ.

މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން، މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ކަނޑުމަތީގެ ހާދިސާތައް ގިނަވެ، މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ ހާދިސާތައްވެސް އިތުރުވަމުންދާތީ އެމްއެންޑީއެފުން ވަނީ މޫސުމަށް ސަމާލުވުމަށް އަންގައިފަ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުންވެސް ވަނީ ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން މެޓް އޮފީހުން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ފ. އަތޮޅުން އައްޑޫ ސިޓީއާއި ދެމެދަށް އިތުރު ހުދު ސަމާލެއްވެސް ނެރެފައެވެ. މި ހުދު ސަމާލު ނެރެފައި ވަނީ މިއަދު 09:00 އިން 14:00 އަށެވެ.