English Edition
Dhivehi Edition
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ (ކ) އާއި އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ (ވ). --ފޮޓޯ: އޭޕީ

އާސެނަލް އަށް ގިނަ ކާމިޔާބީތަކެއް މިކޭލް އާޓޭޓާ އަށް ހޯދައިދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ މިހެން ބުނެފައިވަނީ އިނގިރޭސި އެފްއޭކަޕްގެ ސެމީ ފައިނަލްގައި މިރޭ ވެމްބްލީ ސްޓޭޑިއަމްގައި އާސެނަލްއާ ދެކޮޅަށް ސިޓީ ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

“އާސެނަލް މިހާރު އޮތް ހާލަތުން އެ ޓީމު ކޮޅަށް ޖެހުމުގެ ގާބިލްކަން އާޓޭޓާގެ ކިބައިގައި އެބަހުރި،”

ގާޑިއޯލާ އިތުރަށް ބުނީ އާސެނަލް އާއެކު އާޓޭޓާ ތަފާތު ދައްކާނެ ކަމަށާއި މިސްރާބު ހުރީ ރަނގަޅު ދިމާލަށް ކަމަށެވެ. އަދި އެ ކްލަބުގެ ހުރިހާ އެންމެންގެ ފަރާތުން އާޓޭޓާ އަށް ފުރިހަމަ އެއްބާރުލުން ލިބޭނަމަ މުސްތަގުބަލް އުޖާލާވާނެ ކަމަށެވެ.

“ކްލަބުން ފުރިހަމަ އެއްބާރުލުން އޭނާ އަށް ލިބިއްޖެނަމަ ތަފާތު ދައްކާނެ ކަމާމެދު އެއްވެސް ސުވާލެއް ނެތް. މުސްތަގުބަލްގައި ގަދަ ބާރަކަށް ހަދާނެ.” ގާޑިއޯލާ ބުންޏެވެ.

އެފްއޭކަޕްގެ ސެމީ ގައި އާސެނަލްއާ ދެކޮޅަށް ސިޓީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން 23:45 ގައެވެ. މިއީ ސިޓީ ދޫކޮށް އާސެނަލްގެ ކޯޗުކަމާ އާޓޭޓާ ހަވާލުވިފަހުން އެ ޓީމާ ދެކޮޅަށް ނިކުންނަ ދެވަނަ ފަހަރެވެ. މީގެކުރީން، މިދިޔަ ޖޫން މަހު މި ދެ ޓީމު ބައްދަލުކުރި މެޗު ސިޓީގެ ދަނޑުގައި އެ ޓީމު މޮޅުވީ 3-0 އިންނެވެ.