އާސެނަލްގެ ފުލްބެކް ކިއެރަން ޓިއާނީއާ އަޅާނުކިޔުމަށް އޭނާ އާއެކު ސްކޮޓްލެންޑްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ލިވަޕޫލްގެ އެންޑްރޫ ރޮބަޓްސަން ގޮވާލައިފިއެވެ.
އުމުރުން 26 އަހަރުގެ ރޮބަޓްސަން ވަނީ ލިވަޕޫލުން ފަހަކަށް އައިސް ހޯދަމުން އަންނަ ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެ ޓީމާއެކު އޭނާ ވަނީ މިދިޔަ ދެ އަހަރުގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕްގެ އިތުރުން ފީފާ ކްލަބު ވޯލްޑްކަޕް އަދި އެންމެ ފަހުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވެއެވެ.
މި ފަހަރުގެ ސީޒަނަށް ސްކޮޓްލެންޑްގެ ސެލްޓިކުން އާސެނަލަށް ގެނައި އުމުރުން 23 އަހަރުގެ ޓިއާނީ އަކީ މިވަގުތު އެ ޓީމުގެ ޑިފެންސްލައިންގައި ހިމެނޭ އެންމެ މުހިއްމު ކުޅުންތެރިޔާއަށްވީ ނަމަވެސް އެ ކްލަބާއެކު އަދި މާގިނަ ތަޖުރިބާތަކެއް ކުރެވިފައެއްނުވެއެވެ. ސްކޮޓްލެންޑްގެ ކެޕްޓަންކަން ކުރަމުން އަންނަ ރޮބަޓްސަން ފުލްބެކްގެ މަގާމަށް ކުޅޭއިރު، ޓިއާނީ ކުޅެމުން އަންނަނީ ގައުމީ ޓީމުގެ ސެންޓްރަލް ޑިފެންޑަރުގެ މަގާމަށެވެ.
ރޮބަޓްސަން ދެކޭގޮތުގައި އެ ދެ ކުޅުންތެރިން އަޅާކިޔާ މައިގަނޑު ސަބަބަކީ ޑިފެންސަށް ކުޅެމުން އެޓޭކުތަކުގައި ބައިވެރިވާ ސްޓައިލް އެއްގޮތްވުން ކަމަށާއި، މެޗުތަކުގައި ފެންނަ ކުޅުމުގެ މައްޗަށް ބިނާކޮށް މޮޅު ކުޅުންތެރިއަކީ ކޮބާ ކަމާމެދު އެކި ފަރާތްތަކުން ދައްކާ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ.
ރޮބަޓްސަން ބުނީ އެ ދެ ކުޅުންތެރިން އެކަކު އަނެކަކާ އަޅާކިޔާ މޮޅު ކުޅުންތެރިއަކީ ކޮބާކަމާ މެދު ވަރަށް ގިނަ ވާހަކަތައް ދެކެވޭ ކަމަށާއި، މިކަމާ ގުޅޭގޮތުން ޓިއާނީއާ ވެސް ވާހަކަދައްކާފައިވާ ކަމަށެވެ. އަދި މިކަމަކީ އެ ދެ ކުޅުންތެރިން ވެސް އެހާ ރުހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.
“މީގެކުރީން، ޓިއާނީ އާއެކު މިކަމާ ބެހޭގޮތުން ވާހަކަ ދައްކާފައިވާނެ. މެޗަކަށްފަހު ދަނޑުމަތީގައި ފެންނަ ކުޅުމުގެ މައްޗަށް ބިނާކޮށް އެއް ކުޅުންތެރިއަކަށް ވުރެ އަނެއް ކުޅުންތެރިޔާ މޮޅުކަމުގެ ވާހަކަދައްކާ އަހަރެމެން ދެ މީހުން އަޅާ ކިޔުމަކީ އެހާ ކަމުދާ ކަމެއް ނޫން.” ރޮބަޓްސަން ބުންޏެވެ.
ރޮބަޓްސަން އިތުރަށް ބުނީ، ހުރިހާ އެންމެން އެ ދެ ކުޅުންތެރިން އަޅާކިޔުމަކީ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމެއް ކަމަށާއި، ހާއްސަކޮށް ސްކޮޓްލެންޑްގައި ވެސް މިކަމުގެ ސަބަބުން އުނދަގޫވާ ކަމަށެވެ. އެކަމަކު، މިކަމުގައި ގައުމީ ޓީމުގެ ކޯޗު ސްޓީވް ކްލާކް އަށް ކަންކުރަންވީ ގޮތާއި ޓީމަށް އެންމެ ރަނގަޅު ގޮތް އެނގޭނެ ކަމަށާއި، ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުރިއަށްދާން ޖެހިއްޖެނަމަ އެ ހާލަތުގައި އަމަލުކުރާނެ ގޮތް ވެސް ކޯޗަށް އެނގޭނެ ކަމަށް ވެސް ރޮބަޓްސަން ބުންޏެވެ.