English Edition
Dhivehi Edition
މިއަދު އަޑިއަށް ދިޔަ ދޯނީގައި ކަނޑުވި މީހުންނާއެކު ބޯޓު މާލޭ ޖެޓީކައިރިއަށްލަފަނީ/ފޮޓޯ އެމްއެންޑީއެފް

މިއަދު ހިނގާދިޔަ ކަނޑުމަތީގެ ހިތާމަވެރި ޙާދިސާގައި ދޯނި އަޑިއަށް ގޮސް ފަޅުވެރިން ކަނޑުވި ޙާދިސާ މެދުވެރިވި ޢާއިލާތަކުގެ ހިތާމާގައި ފިޝަރީޒް މިނިސްޓްރީ ގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ކަމަށް އެމިނިސްޓްރީއިން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ މަސްވެރިކަމާގުޅޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެބަޔާނުގައިވާ ގޮތުން މިއަދު ހެނދުނު 8:45 ހާއިރު 9 ފަޅުވެރިންނާއެކު، ކ.ހުރާ ކަނދުފަތިކައިރީގައި މަސްވެރިކަންކުރުމަށް ނުކުމެ އުޅުނު “ކަނޑުރޯދި 1” ދޯނި އަޑިއަށް ގޮސް ފަޅުވެރިން ކަނޑުވި ޚަބަރު އެހީ ފުން ހިތާމައާއެކުގައިކަމަށާއި މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ދިމާވި މިހިތާމަވެރި ހާދިސާގައި ގެއްލުން ލިބުނު އެންމެހާ ލޮބުވެތި މަސްވެރިންނާއި، އެމަސްވެރިންގެ އާއިލާތަކުގެ މެންބަރުންގެ މިހިތާމައިގައި ފިޝަރީޒް މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ބައިވެރިވާކަމަށް ވިދާޅުވެފައިވެއެވެ. އަދި މިހާދިސާގައި “ކަނޑުރޯދި 1” އަށް އެހީތެރިކަން ފޯރުކޮށްދިން ކ. ގުޅި، “ރޭޝަމް” ދޯނީގެ ހުރިހާ ފަޅުވެރިންނަށް ނުހަނު އިޙްލާސްތެރިކަމާއެކު ޝުކުރުދަންނަވާކަމަށާއި އަދި މިހާދިސާ ހިނގުމުން އެހީތެރިކަން ފޯރުކޮށްދިން އެމް.އެން.ޑީ.އެފް. ގެ މާލޭ އޭރިޔާގެ ކޯސްޓްގާޑްގެ ސްކޮޑުރަންއަށް ވެސް ޝުކުރުދަންނަވާކަމަށް ބަޔާނުގައި ވެއެވެ.

މިދުވަސްވަރަކީ އާދަޔާ ޚިލާފަށް ވައި ބާރު އަދި ކަނޑުގެ ރާޅުތައް ބޮޑުވެ އުދައަރާ، މޫސުން ގޯސް ދުވަސްވަރަކަށް ވުމާއިއެކު، މަސްވެރިކަންކުރަން ނުކުންނަ އުޅަނދުފަހަރުތަކާއި ކަނޑުދަތުރުފަތުރުކުރާ އުޅަނދުތަކުން ދަތުރުކުރުމުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް، މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކޮށް، ރައްކާތެރިކަމާއެކު ދަތުރުކުރެއްވުމަށް ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައި މަސްވެރިންނާއި ދަތުރުވެރިންނަށް އިލްތިމާސް ކޮށްފައިވެއެވެ.

މިއަދު މޫސުން ގޯސްވެ ކަނޑު ގަދަވެ،ކަނޑުރޯދި ދޯނި އަޑިއަށް ގޮސް 9 ފަޅުވެރިން ކަނޑުވެފައި ތިއްބާ އެސަރަހައްދުން ދަތުރު ކުރި އެހެން ދޯންޏަކަށް ނަގާފައިވާއިރު ކަނޑުވި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފް އިންވަނީ ބުނެފައެވެ.

މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.