އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފި އެވެ.
އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް، މިއަދު 10:45 އިން ފެށިގެން 15:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކަނޑުތައް ގަދަވުމާއެކު މި ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ވަނީ ގއ. އަތޮޅުން އައްޑޫ ސިޓީ އާއި ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް 10:10 އިން 15:00 އަށްވެސް ހުދު ސަމާލު ނެރެފައެވެ.
އަދި ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ލ. އަތޮޅާއި ހަމައަށްވެސް 09:45 އިން 15:00 ދެމެދަށް ހުދު ސަމާލު ވަނީ ނެރެފައެވެ.
މި ހިނގާ ޖުލައި މަހުގެ ތެރޭގައި މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާފައިވާއިރު، އައްޑޫ ސިޓީގެ ބައެއް ރަށްތަކަށްވެސް ވަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.
މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އާއި ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން ހުޅަނގުއުތުރާއި އުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
އަދި ކަނޑުތައް އުތުރާއި މެދުރާއްޖެތެރޭގައި ގަދަ ވާނެ ކަމަށާއި، ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުުމުގެ ފުރުސަތު ބޮޑު ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.