ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ވިޔަރެއާލް އަތުން 2-1 އިން ހޯދީ މޮޅާއެކު ބާކީ އެއް މެޗު އޮއްވާ ރެއާލް މެޑްރިޑުން އެ މުބާރާތުގެ ޗެމްޕިއަންކަން 34 ވަނަ ފަހަރަށް ހޯދައިފިއެވެ.
މިއީ 2017 ވަނަ އަހަރުގެ ފަހުން ރެއާލުން ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި ވޭތުވެދިޔަ ނުވަ ސީޒަނުގައި އެ ޓީމަށް ލީގު ކާމިޔާބުކުރެވުނު ތިންވަނަ ފަހަރުވެސް މެއެވެ. މީގެއިތުރުން، ރެއާލްގެ މިހާރުގެ ކޯޗު ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން އެ ޓީމު ލީގު އުފުލާލި ދެވަނަ ފަހަރެވެ.
ރޭގެ ނަތީޖާއަށް ފަހު ލީގުގައި މިހާތަނަށް ކުޅުނު 37 މެޗުން 86 ޕޮއިންޓް ހަމަކޮށް ރެއާލުން ލީގު ކާމިޔާބުކުރިއިރު، ދެވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފައިވަނީ 79 ޕޮއިންޓެވެ. އޭގެ 10 ޕޮއިންޓް ފަހަރުން ތިންވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތްއިރު، ހަތަރުވަނައިގައި އޮތް ސެވިއްޔާ އަށް ލިބިފައިވަނީ 67 ޕޮއިންޓެވެ.
ރެއާލްގެ އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު ޑެނީ ކަރްވަހާލް އާއި ކަރީމް ބެންޒެމާގެ އިތުރުން ލުކާ މޮޑްރިޗަށް ލަނޑުޖަހަން ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވި ނަމަވެސް، މެޗުގެ 29 ވަނަ މިނެޓުގައި ބެންޒެމާ ވަނީ އެ ޓީމަށް ލީޑްނަގައިދީފައެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 20 ވަނަ ގޯލެވެ.
މި މެޗުގައި ރެއާލުން ޖެހި ދެވަނަ ލަނޑު، 77 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބެންޒެމާ އެވެ. މިއީ އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ވިޔަރެއާލްގެ ސޮފިއާން ޗަކްލާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ އެންމެ ފުރަތަމަ ރާމޯސް ފޮނުވާލަން އުޅުމުގެ ތެރޭގައި، މަޑު މަޑުން ބެންޒެމާ އަށް ޖައްސާލަން މަސައްކަތްކުރި ވަގުތުގައި ރެއާލްގެ ކުޅުންތެރިން ޕެނަލްޓީއޭރިޔާތެރެއަށް ވަނުމުން ރެފްރީ ވަނީ ދެވަނަ ފަހަރަށް ފޮނުވާލަން ބުނެފައެވެ.
ވިޔަރެއާލުން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ މާރިއޯ ގަސްޕާ ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ވިސެންޓޭ އިބޯރާ އެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ވިޔަރެއާލަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ހަވިއާ އޮންޓިވޭރޯސް އާއި ބްރޫނޯ ސޮރިއާނޯ އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ މަތަކުރިއެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ރެއާލްގެ ވިންގާ މާކޯ އަސެންސިއޯ އިތުރު ގޯލެއް ކާމިޔާބުކުރިއިރު، ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ އެ ގޯލް ގަބޫލެއްނުކުރިއެވެ.
މެޗަށްފަހު ވާހަކަދައްކަމުން ރެއާލްގެ ކޯޗު ޒިދާން ބުނީ އެ ޓީމުން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު ލިބުނު ވަރަށްވުރެ ބޮޑު އުފަލެއް ސްޕެނިޝް ލީގު ކާމިޔާބުކުރުމާއެކު ލިބިފައިވާ ކަމަށެވެ. އަދި މިއީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި މިހާތަނަށް އައި އެންމެ ހާއްސަ އެއް ދުވަސް ކަމަށާއި، ވޭތުވެދިޔަ ދުވަސްތަކުގައި ހިނގައިދިޔަ ކަންތައްތަކަށްފަހު ތިން މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ލީގު ކާމިޔާބުކުރެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް ވެސް ޒިދާން ބުންޏެވެ.
ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ވާދަވެރި ބާސެލޯނާ ވަނީ އަމިއްލަ ދަނޑުގައި 2-1 އިން އޮސަސޫނާ އަތުން ބަލިވެފައެވެ. މިއީ ލީގުގައި އެ ޓީމު އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 43 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗެވެ. އަދި މި ފަހަރު ލީގުގައި ބަލިވި ހަވަނަ މެޗެވެ.
ރޭގެ މެޗު ފެށިގެން ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ ވެސް އޮސަސޫނާ އިންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ހޯސޭ އާނައިޒް އެވެ. އޭގެފަހުން، ދެވަނަ ހާފުގެ ކުޅުން ފެށިތާ 17 ވަރަކަށް މިނެޓުގެ ތެރޭގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ލިބުނު ހިލޭޖެހުމަކުން އެ ޓީމަށް އެއްވަރުކޮށްދީފައެވެ. މެޗގެ 77 ވަނަ މިނެޓުގައި ބާސެލޯނާގެ ކްލެމެންޓް ލެންގްލޭ އަށް ކުރި ފައުލަކަށް އެންރިކް ގަލެގޯ އަށް ދެއްކި ރަތް ކާޑާއެކު 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އޮސަސޫނާ އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މި ހާފުގައި ކުޅެން ނިކުތް ރޮބާޓޯ ޓޮރޭސް އިތުރުވަގުތުގައި ވައްދާލި ގޯލުންނެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ގެޓަފޭއާ ދެކޮޅަށް ރަށުން ބޭރުގައި 2-0 އިން އެތުލެޓިކޯ މޮޅުވިއިރު، ވެލެންސިއާ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން އެސްޕަންޔޯލް ބަލިކޮށްފައެވެ. މީގެއިތުރުން، ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ސެވިއްޔާ ކުޅުނު މެޗު ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވިއިރު، އަލަވޭސް ވަނީ ރަށުން ބޭރުގައި 2-1 އިން ރެއާލް ބެޓިސް ބަލިކޮށް ރެލިގޭޝަނާ ދުރަށް ޖެހިލާފައެވެ.
ލީގުގައި ރެއާލަށް ދެން އޮތީ ރަށުން ބޭރުގައި މިހާރު ރެލިގޭޝަނުގެ ބިރާ ކުރިމަތިލާން ޖެހިފައިވާ ލެގަނޭސްއާ ދެކޮޅަށް ކުޅޭ މެޗެވެ. ހަމަ އެ ދުވަހު ރަށުން ބޭރުގައި ބާސެލޯނާ ނިކުންނާނީ އަލަވޭސްއާ ދެކޮޅަށެވެ. މި ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.