English Edition
Dhivehi Edition

ހުޅުމާލޭގައި ހުރި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހަދާ، އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ބިދޭސީން ހުޅުމާލޭގައި ހަމަނުޖެހުން ހިންގި މައްސަލާގައި މިހާތަނަށް 22 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

08 މަސް ދުވަހުގެ މުސާރަ ދީފައިނުވާތީ މީގެ ކުރިންވެސް ބިދޭސީ މުވައްޒަފުން މުޒާހަރާކޮށްފައިވާއިރު އެ ދުވަހުގެ މުޒާހަރާ ހުއްޓާލީ މިމަހުގެ 10 ވަނަ ދުވަހު މުސާރަ ދޭނެކަމަށް އެއްބަސްވުމުންނެވެ. އެހެންނަމަވެސް ކަނޑައެޅި މުހުލަތު ދިޔަ އިރުވެސް ބިދޭސީންނަށް މުސާރަ ދީފައިނުވާއިރު އެމީހުންނަށް މިހާތަނަށް ދީފައިވަނީ އެލެވެންސެއް އެކަނިކަމަށް ބިދޭސީންވަނީ ބުނެފައެވެ،

މިއަދު ބިދޭސީން ފެށި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން އެ ސަރަހައްދަށް ދިއުމުން ބިދޭސީންވަނީ ހަމަނުޖެހުން ހިންގާ ފުލުހުންނާއި ދިމާއަށް ގާބުރި އާއި ލަޓިބުރިފަދަ ތަކެތި އުކާފައެވެ. މި ހަމަނުޖެހުމުގައި ފުލުހުންނަށް އެކިވަރުގެ އަނިޔާވެފައިވާއިރު ފުލުހުންގެ ވެހިކަލަކަށްވެސް ވަނީ ގެއްލުންވެފައެވެ. މީގެ އިތުރުން މިހަމަނުޖެހުމުގައި އާންމު މީހެއްގެ ގޭގެ ބިއްލޫރިގަނޑެއްވެސް ތަޅާލާފައިވާއިރު، މިހާރު މުޒާހަރާވަނީ ކޮންޓްރޯލްކުރެވިފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ މުސާރަ ދިނުމަށާއި އަދި އަބުރާ ގައުމަށް ދިއުމަށްޓަކައި ޓިކެޓް ދިނުމަށް ގޮވާލާފައެވެ. މިހާރު، ތަރުޖަމާނެއްގެ އެހީގައި ފުލުހުން ދިން ނަސޭހަތް ގަބޫލުކޮށް، ލޭބާ ކުއާޓާޒްގެ ކޮރިޑޯގެ ތެރޭގައި ބިދޭސީން އިށީދެގެން ތިބިއިރު މިހާރު އެ ސަރަހައްދުގައި ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއްގެ އިތުރުން އެޗްއާރުސީއެމާއި ރެޑް ކްރެސެންޓުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.