English Edition
Dhivehi Edition

އައްޑޫ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުކުރެވުނު ކައުންސިލަރުންނާއި މިހާރު އެ މަގާމުގައި ތިއްބެވި ކައުންސިލަރުން ބައްދަލުކުރައްވައިފިއެވެ.މިއަދު އައްޑު ސިޓީ ކައުންސިލް އިދާރާގައި ބޭއްވި މިބައްދަލުވުމަކީ އަލަށް އިންތިހާބުކުރެވުނު ކައިންސިލަރުން ހުވާކުރެއްވުމުގެ ކުރިން، މިހާރު ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ކައުންސިލުން އައްޑޫގެ ތަރައްގީ އަށް ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށްޓަކައި ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މިހާރު ހުޅުމީދޫ ދާއިރާ ތަމްސީލްކުރައްވާ ކައުންސިލަރު އަލީ މުހައްމަދު ފިޔަވައި ހުރިހާ ކައުންސިލަރުންވަނީ ބައިވެރިވެ ވަޑައިގެންފައެވެ.މީގެ އިތުރުން އައްޑު ސިޓީ ކައުންސިލްގެ ތިން ވަނަ ދައުރަށްވެސް ހޮވިވަޑައިގެންފައިވާ، މިހާރު ވެސް އެ މަގާމުގައި ތިއްބެވި ހިތަދޫ އުތުރު ދާއިރާ ކައުންސިލަރު އަބްދުﷲ ސޯދިގް އާއި ހިތަދޫ ދެކުނު ދާއިރާ ކައުންސިލަރު މުހައްމަދު ޔަސްރިފާއި ފޭދޫ ކައުންސިލަރު އަލީ ފަހުމީ އަހުމަދުވަނީ ކައުންސިލް ގެ ދައުރާ ބެހޭގޮތުން އެހެން ބައިވެރިންނާއި މައުލޫމާތު ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި ކައުންސިލަށް އަލަށް ހޮވިވަޑައިގެންނެވި މަރަދޫ ކައުންސިލަރު ފައިސަލް އިބްރާހީމާއި ހިތަދޫ މެދު ދާއިރާ ކައުންސިލަރު ޖަމްޝީދާ މުހައްމަދާއި މީދޫ ކައުންސިލަރު ހިޔާޒްގެ އިތުރުން ހުޅުދޫ ކައުންސިލަރު އިބްރާހީމް ޝުކުރީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ކައުންސިލް އިންތިހާބުގެ އައްޑޫ ސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީ އިން ކާމިޔާބުކޮށްފައިވާއިރ އަލަށް އިންތިހާބުކުރެވުނު ކައުންސިލް ހުވާކުރުން ޖޫންމަހު 3ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖައްސާފައެވެ.