މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.
މި އަހަރު ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުމާ ގުޅޭގޮތުން ވޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާކުރައްވާފައެވެ. މި ގޮތުން ކޮވިޑު-19ގެ ހާލަތު، އެވަގުތަކު އޮތް ގޮތެއްގެ މައްޗަށް ބަލައި، މުނާސަބަތު ފާހަގަކުރެވޭ ގޮތަށް ހާލަތު ބަދަލުވެއްޖެނަމަ، ޤައުމީ ދުވަހުގެ ޖަލްސާ އާއި ޖުމްހޫރީ ދުވަހުގެ ޖަލްސާ ބޭއްވުމަށް ވަޒީރުންގެ މަޖިލީހުންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާފައެވެ. އަދި ޖަލްސާ ބޭއްވޭގޮތް ނުވެއްޖެނަމަ، އެވަގުތުގެ ހާލަތަށް ރިއާޔަތް ކުރައްވައިގެން އިނާމު ދެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ލަފާއަރުވާފައެވެ.
މި އަހަރުވެސް މައިގަނޑު 33 ދާއިރާއަކުން ގައުމީ އިނާމް ދިނުމަށް ނިންމާފައިވާއިރު މި ދާއިރާތަކާއި، މި ދާއިރާތަކުގެ ރޮނގުތަކާއި ގުޅޭގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި، އެހެނިހެން މުއައްސަސާތަކުގެ ޚިޔާލު ހޯދައި ގެންނަންޖެހޭ ބަދަލުތައް ވަނީ ގެނެސްފައެވެ.
މި އަހަރުގެ ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމްޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ހަމަޖައްސާފައިވާއިރު ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވުމުގެ އެންމެފަހު ތާރީހަކީ އަންނަ އޮގަސްޓު މަހުގެ 13ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 2:00 އެވެ.
މި އަހަރު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އޮގަސްޓު މަހުގެ 4 ވާ އަންގާރަ ދުވަހުން ފެށިގެން އޮގަސްޓު 13 ވާ ބުރާސްފަތި ދުވަހާ ދެމެދު ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދުއެވެ. ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު،ރަސްމީ ގަޑީގައި ރައީސް އޮފީހުން ދޫކުރުމަށް ހަމަޖެހިފައިވާއިރު އެއޮފީހުގެ ވެބްސައިޓުންވެސް މި ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.