English Edition
Dhivehi Edition

11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީ (38އ)ގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލައިފި އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނީ އަނީސްގެ މޮބައިލް ފޯނު އެނަލައިޒް ކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ މައްސަލައިގައި އޭނާގެ މައްޗަށް ތިން ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އަނީސްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދައުވާ އާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

މީގެ ތެރެއިން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށް ސާބިވުތެއްޖެނަަ އަނީސްގެ މައްޗަށް 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ. އަދި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރަށް ޖަލަށްލުމުގެ ޙުކުމެއް އަންނާނެ އެވެ.

މީގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތުވެއްޖެނަމަ، އެއް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ އެވެ.

އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން 10 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޖޫން 12 ވަނަ ދުވަހުގެ 22:13 ހާއިރު އަނީސް ހައްޔަރުކޮށްފައިވާއިރު، ތަޙުޤީޤުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ގްރޫމްކުރުމަކީ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމަށްޓަކައި، އެކުއްޖާއަށް ފައިސާ ނުވަތަ އެނޫންވެސް މާއްދީ އެއްޗެއް އެކުއްޖާއަށް ނުވަތަ އެކުއްޖާގެ ބެލެނިވެރި ފަރާތަކަށްދީ، ގާތް ގުޅުމެއް ޤާއިމްކޮށް އިތުބާރު ހޯދުމުގެ މަސައްކަތް ކުރުމެވެ.