އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ތަފާތު ގިނަ އަނިޔާތައް ހުއްޓުވުމުގައި މި ނިޒާމްގައި ހުރި ބާގަނޑުތައް ދެނެގަނެ އެންމެން ގުޅިގެން މަސައްކަތް ކުރަން ވެއްޖެ ކަމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގައުމީ ފެންވަރުގައި ބޭއްވި ސްޓޭކް ހޯލްޑަރ ކޮންސަލްޓޭޝަން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ޢައިޝާ އިތުރަށް ވިދާޅުވީ މިކަން ޙައްލު ކުރުމުގައި ކަމާއި ގުޅުންހުރި މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަތުމަށާއި، އެންމެން ގުޅިގެން މަސައްކަތްކުރެވޭނެ ނިޒާމަކާ ދިމާއަށް ދިއުމަށް މަސައްކަތްކުރުމާއި މުޖްތަމަޢުގައި އެފަދަ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަނެ މިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ މިފަދަ މަސައްކަތްތަކަކީ އެކަނި އެއް މުއައްސަސާއަކަށް ކުރެވޭނެ މަސައްކަތެއް ނޫންކަމަށާއި މިއީ މުޖްތަމަޢުގެ އަފްރާދުންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ ކަމާބެހޭ އެންމެހާ އިދާރާތަށް އެކުގައި މަސައްކަތްކޮށްގެން މެނުވީ ނުހުއްޓުވޭނެ މަސައްކަތެއް ކަމަށެވެ.
އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ބޭއްވި މި ބައްދަލުވުމަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ޔުނިސެފް ގުޅިގެން އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރުމާއި، އެ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި އެ ފަރާތްތަކުގެ އަޑު އުފުލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވި ބައްދަލުވުމެކެވެ. ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރާ އެކި ފަރާތްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން މި ބައްދަލުވުމުގައި ޔުނިސެފް، އެޓަރނީ ޖެނެރަލްގެ އޮފީސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި މަދަނީ ޖަމްއިއްޔާތަކުން ބައިވެރިވެފައިވެއެވެ. އަދި މިބައްދަލުވުމުގައި، ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެދާއިރާތަކުން ކުރާ މަސައްކަތްތަކާއިގުޅޭ ގޮތުން ކުރެވޭނެ މަސައްކަތްތަކާއި އަދި ރަގަޅު ކުރަންޖެހޭ ކަންކަމާއި ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހެޅުން އޮތެވެ.