English Edition
Dhivehi Edition
07 ޖުލައި 2020 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވަވަމުން ގެންދަވާ އިޙްތިފާލުތައް މި އަހަރު ނުބާއްވަވާގޮތަށް ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމާއި، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ކުޅިވަރުތަކާއި އެހެނިހެން ޙަރަކާތްތައް މި އަހަރު ނުބާއްވާނެ ކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ މެންބަރުންނާއި އެކަން ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެގޮތަށް ނިންމެވީ، ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިލާންޖެހުނު ދަތިތަކާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގުޅިގެންނާއި، ކޮވިޑް-19 އާ ގުޅިގެން، ޢާއްމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށްޓަކައި، ތަފާތު ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާތީ ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރެއްވުން އޮންނާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ ޖުލައި 26 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ކަމަށްވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިއަހަރު ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދިނުމުގެ ކަންތައް ކުރިއަށް ގެންދިޔުމާގުޅޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، މަޖިލީހުގެ ލަފާ ހޯއްދެވިއެވެ.

ޤައުމީ އިނާމު މިހާރު ދެއްވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ޤައުމީ ދުވަސް ކަމަށްވާ 1 ރަބީޢުލްއައްޥަލް މި އަހަރު ދިމާވަނީ އޮކްޓޯބަރ މަހުގެ 18 ވަނަ ދުވަހާއެވެ. ޚާއްޞަ އިނާމު ދެއްވަމުން ގެންދަވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައެވެ.

މިއަހަރު ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދެއްވުމާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމަށްފަހު، ޤައުމީ އިނާމަށާއި ޚާއްޞަ އިނާމަށް އިޢުލާނު ކުރެއްވުމަށާއި، ކޮވިޑުގެ ހާލަތު އޭރު އޮތް ގޮތެއްގެ މައްޗަށް ބައްލަވައި، މުނާސަބަތު ފާހަގަކުރެވޭ ގޮތަށް ޙާލަތު ބަދަލުވެއްޖެނަމަ، ޤައުމީ ދުވަހުގެ ޖަލްސާއާއި ޖުމްހޫރީ ދުވަހުގެ ޖަލްސާ ބާއްވަވައި އިނާމު ދެއްވާ ގޮތަށް ހަމަޖެއްސެވުމަށް ނިންމެވިއެވެ. އަދި ޖަލްސާ ބޭއްވޭނެ ގޮތް ނުވެއްޖެނަމަ، އެ ވަގުތުގެ ހާލަތަށް ރިޢާޔަތް ކުރައްވައިގެން އިނާމު ދެއްވުމަށްވެސް މިއަދު ނިންމެވިއެވެ.