English Edition
Dhivehi Edition
ޓްރީ ޓޮޕް ހޮސްޕިޓަލް/ފޮޓޯ ޓުވިޓަރ

ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގެ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ ޓްރީޓޮޕް ގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 9 ސްޓާފެއް އެކަހެރިކުރެވިފައި ވާކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވި ސްޓާފްގެ ކޮންޓެކްޓުންގެ ތެރޭގައި އެއްވެސް ބަލި މީހަކު ނުހިމެނޭ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ މީގެ ކުރިން ކޮވިޑްގެ ބަލިމީހުންނަށް ފަރުވާ ދެމުންއައި ތަނަކަށް ވިޔަސް ޖުލައި 1 ން ފެށިގެން އެހޮސްޕިޓަލްވަނީ އަލުން އާއްމު ފަރުވާއަށް ހުޅުވާލާފައެވެ.

ރޭގެ ޕްރެސްގައި ޑޮކްޓަރ ނަޒްލާވަނީ ހުޅުމާލޭ ފިޔަވަތީގެ މުވައްޒަފަކުވެސް ކޮވިޑަށް ޕޮޒިޓިވް ވިކަން އިޢުލާން ކޮށްފައެވެ.

އެ ގޮތުން ފިޔަވަތިން ޕޮޒިޓިވްވި މީހާއަކީ އައިޖީއެމްއެޗްގައި އޮތް ބަލި މީހެއްގެ އާއިލާ މެމްބަރެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ރޭ ޑރ. ނަޒްލާ ހާމަ ކުރެއްވި ގޮތުގައި އައިޖީއެމްއެޗުން ވެސް 15 މީހުން މިހާތަނަށް ޕޮޒިޓިވްވެފައި ވެއެވެ. އެއީ 6 ސްޓާފުންނާއި 7 ބަލި މީހުންނާއި 2 އެހީތެރިން ނެވެ.

ރާއްޖެއިން މިއަދު ކޮވިޑް 19 އަށް 33 މީހުން ޕޮޒިޓިވްވެ 19 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި ބަންގްލަދޭޝްގެ 18 މީހުންނާއި އިންޑިއާގެ 3 މީހެކެވެ.

.

މިހާތަނަށް ރާއްޖެއިން 2،468 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 875 ދިވެހިންނާއި 1،593 ބިދޭސީންނެވެ. އަދި މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 404 މީހުންނެވެ

މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 2،049 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއަދާހަމަޔަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 56138 ސާމްޕަލް ނަގާފައިވާއިރު، ކޮވިޑާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 108 މީހަކު ކަރަންޓީނުކޮށްފައި އެބަތިއްބެވެ. މިއަދާ ހަމަޔަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 281 މީހުންނެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވެފައި ވަނީ ހަ ދިވެހިންނާއި ފަސް ބިދޭސީންނާއެކު ޖުމްލަ 11 މީހުންނެވެ.