English Edition
Dhivehi Edition

ޓްރީ ޓޮޕް ހޮސްޕިޓަލުން މަލްޓި ޑިސިޕްލިނަރީ ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވާ މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕެއް ނ.އަތޮޅަށް ހުޅުވާލައިގެން ނ.މަނަދޫ އަތޮޅު ހޮސްޕިޓަލާއި ނ.މަނަދޫ ކައުންސިލާއިއެކު އޮގަސްޓް 12 އަދި 13 ވަނަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ.

މި ހެލްތް ކޭމްޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯތޮޕީޑިކްސް ނުވަތަ ކަށީގެ ހާއްސަ ޑޮކްޓަރުން، ކަރުން މަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން، ޔުރޯލޮޖީ ނުވަތަ ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން، ސައިކިއެޓްރީ ނުވަތަ ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، އަދި ކަރޑިއޮލޮޖީ ނުވަތަ ހިތުގެ ބަލިތަކަށް ހާއްސަވާ ޑޮކްޓަރުން ހަރަކާތްތެރިވެފައިވެއެވެ.

މިގޮތުން ބަލިމީހުންނަށް ހެލްތް ސްކްރީނިންގ ހަދައިދިނުމުގެ އިތުރުން މި ހެލްތް ކޭންޕްގައި އިތުރު ފަރުވާ ބޭނުންފުޅުވާ ބޭފުޅުންނަށް ރިފަރަލް ހަމަޖައްސައިދިނުމުގެ ފަސޭހަ އިންތިޒާމު ހަމަޖައްސައިފައިވެއެވެ. އަދި މި ހެލްތް ކޭންޕްގެ ހެލްތް ސްކްރީނިންގ ހިދުމަތް ފުޅާ ދާއިރާއެއްގައި ހުޅުވާލެވި ގިނަ މެހެމާނުންނަށް ހިދުމަތް ފޯރުކޮށްދެވުނުކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ. މިގޮތުން 200 އަށް ވުރެ ގިނަ ބޭފުޅުންނަށް ހިދުމަތް ފޯރުކޮށްދީފައިވެއެވެ.

ހެލްތް ކޭމްޕްގެ ސިއްހީ މާހިރުންގެ ތެރޭގައި ކޮންސަލްޓަންޓް އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާރޖަން ޑރ. އަހްމަދު އާޒިމް އަބްދުލް ޝަކޫރ، ކޮންސަލްޓަންޓް އޯތޮޕީޑިކްސް ސަރޖަން ޑރ. އަލީ މުޒްނީ، ކޮންސަލްޓަންޓް އީ.އެން.ޓީ ޑރ. ޗަންދުރަޝޭކަރު ރަވާލް، ކޮންސަލްޓަންޓް ޔޫރޯލޮޖީ ޑރ. މެހްމަތް އޮޑަރ، ކޮންސަލްޓަންޓް ސައިކިއެޓްރީ ޑރ. މުހައްމަދު އިޒުއްދީން އަދި ކޮންސަލްޓަންޓް ކާރޑިއޮލޮޖިސްޓް ޑރ. އަބްދުލް އަޒީޒް އަހްމަދް ހިމެނިވަޑައިގަންނަވައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.