English Edition
Dhivehi Edition
މިއަދު ބޭއްވުނު އެފްއޭއެމް ކޮންގްރެސްގައި އިންތިހާބުވި އެކްސްކޯގެ މެންބަރުންނާއެކު އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް (މ) ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: އެފްއޭއެމް

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް މިހާރުވެސް ރައީސްގެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް ހޮވައިފިއެވެ.

އެފްއޭއެމް ހައުސްގެ ޓެރަހުގައި މިއަދު ބޭއްވި ކޮންގްރެސްގައި ބައްސާމާއި އޭނާ ހުށަހެޅުއްވި ޓީމު އެގްޒެކެޓިވް ކޮމިޓީ އަށް ހޮވުނީ، އިތުރު ކެންޑިޑޭޓެއް ކުރިމަތިލާފައި ނެތުމުން ވޯޓު ނެގުމެއް ނެތި އެވެ. އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ހާލަތެއްގައި، އެއްވެސް ކްލަބަކުން އިއުތިރާޒުނުކުރާ ނަމަ ވޯޓެއް ނެތި ހޮވޭ ގޮތެއް އަސާސީ ގަވާއިދަށް ބަދަލު ގެނައީ މިއަދުގެ ކޮންގްރެސްގައި، މެމްބަރުންގެ އިއްތިފާގުންނެވެ. އެހެންކަމުން، 2016 ވަނަ އަހަރުގެ ނޮވެންބަރު މަހު އެފްއޭއެމްގެ ރައީސްގެ މަގާމާ ހަވާލުވި ބައްސާމް 2024 ވަނަ އަހަރުގެ ނިޔަލަށް ދެމިހުންނާނެއެވެ.

އެފްއޭއެމްގެ ކޮންގްރެސްގައި މިއަދު އިންތިހާބުވި އެ އިދާރާގެ ސީނިއާ ނައިބް ރައީސްގެ މަގާމަށް ހޮވުނީ މިހާރުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރެވެ. ނައިބް ރައީސަކަށް ހޮވުނީ އެންމެ ފަހުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި މާޒިޔާގެ ސީ.އީ.އޯ ހުސެއިން ޝާފިއު (ކޮއްކީ) އެވެ. އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ހޮވުނީ މިހާރުގެ ސީނިއާ ނައިބް ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި އެންމެ ފަހުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް (ޝާނީ) އާއި މުހައްމަދު ޝިފާއު އެވެ. އަދި އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރާނީ މިހާތަނަށް އެމަގާމުގައި ހުންނެވި ހުސެއިން ޖަވާޒް (ޖަވާ) އެވެ.

މިއަދުގެ ކޮންގްރެސްގައި ބައިވެރިވީ މާޒިޔާ، އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ގްރީން ސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ދަ ގްރާންޑޭ، ޕީކޭ، ޖޭޖޭ ސްޕޯޓްސް، މަހިބަދޫ ސްޕޯޓްސް ކްލަބް، ކުޑަހެންވޭރު ޔުނައިޓެޑް، ރެޑްލައިން ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ އެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް މިއަދު ހޮވިވަޑައިގެންނެވި ބައްސާމް އަކީ ކްލަބް ވެލެންސިއާ ހިންގެވުމުގައި ކުރިން އިސް ދައުރެއް އަދާކުރެއްވި އަދީލް ޖަލީލްގެ ބޭފުޅެކެވެ. ބައްސާމް ފުޓްބޯޅަ ހިންގެވުމުގެ ތެރެއަށް ވެންނެވީ ވެލެންސިއާގެ ވައިސް ޗެއާމަންގެ މަގާމަށް އިންތިހާބުވި ހިސާބުންނެވެ. އޭގެ ކުރިން ބައްސާމް ވަނީ ވެލެންސިއާގެ ފުޓްބޯޅަ ޓީމުގައި ވެސް ހަރަކާތްތެރިވެފައެވެ. އަދި އެއަށްފަހު 2014 ވަނަ އަހަރުގެ ޑިސެންބަރު މަހު ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމް ހިންގަން ހަވާލުވެ އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކޮށްފައިވެއެވެ. އަދި އޭގެފަހުން، 2016 ވަނަ އަހަރުގެ ކުރީކޮޅު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ މަގާމު އަދާކުރުމަށްފަހު ކުޑަދުވަސްކޮޅަކަށް އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް އަދާކޮށްފައިވެއެވެ.

އެއަށްފަހު 2016 ވަނަ އަހަރު އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ އަލުން އިންތިހާބުކުރުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމުގެ ޒިންމާއާ ބައްސާމް ހަވާލުވާން ޖެހިވަޑައިގަތުމުން ނޮވެންބަރު މަހު ބޭއްވުނު އެ އިދާރާގެ އާ އިންތިހާބުގައި ޓޮމްއާ ވާދަކުރައްވައި ކުރިހޯއްދަވައިގެން ބައްސާމް ވަނީ ރައީސްގެ މަގާމަށް އިންތިހާބުވެފައެވެ.

ބައްސާމްގެ މި ދައުރުގައި ގައުމީ ފުޓްބޯޅަ ޓީމުން 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު، އަންހެން ގައުމީ ފުޓްބޯޅަ ޓީމުން ވަނީ މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ލޯ މެޑަލް ހޯދާފައެވެ. އަދި ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމުން މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދިއެވެ.

އޭނާގެ ދައުރުގައި ކުރެއްވި އެހެން މަސައްކަތްތަކަށް ބަލާއިރު، ސަރުކާރުގެ އެހީ އާއެކު ކުންފުނިތައް މެދުވެރިކޮށް ކްލަބުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނެވެ. އަދި ޖޫނިއާ އާއި ޔޫތު ލެވެލްގެ ގައުމީ ޓީމުތަކަށް އިތުރު ފުރުޞަތުތައް ހޯދައިދީ އަތޮޅު މުބާރާތުގެ ފެންވަރުވެސް މަތިކުރިއެވެ.

އެފްއޭއެމް ހައުސް ޓެރަސްގައި މިއަދު ކުރިއަށްދިޔަ ކޮންގްރެސްގެ ތެރެއިން. –ފޮޓޯ: އެފްއޭއެމް

އެހެންނަމަވެސް، ފަހުން އެކި ސަބަބުތަކާ ހުރެ އާއްމުންގެ ނުރުހުން އަމާޒުވެފައިވާއިރު، ބައެއް ކުޅިވަރު މުބާރާތްތައް ނެތުމާއި ފުޓްބޯޅަ ކަލަންޑަރު ރަނގަޅަށް ނުރޭވި ކުރިއަށްދިއުމުގެ އިތުރުން ކްލަބު ފުޓްބޯޅައިގެ ފޯރިކެނޑުމާއި، މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ ކްލަބުތަކަށް ބައިވެރިވޭގޮތްނުވުމުންނާއި، ގައުމީ ޓީމުން އަލީ އަޝްފާގު (ދަގަނޑޭ) އަށް ފުރުޞަތު ނުދިނުމުގެ ސަބަބުން އެފްއޭއެމުން ނުފޫޒު ފޯރުވާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

މީގެއިތުރުން، އެފްއޭއެމްގެ އިންތިހާބު މިއަދު ހަވީރު ބާއްވާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީންނާއި ސްޕޯޓްސް މިނިސްޓްރީން އިންތިހާބު ނުބާއްވަން އެދިފައިވަނިކޮށެވެ. އެފްއޭއެމްގެ އިންތިހާބު ނުބާއްވަން މިނިސްޓްރީން އެދުނީ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި އެފްއޭއެމްއާ ގުޅޭ ގަރާރު އިޖްތިމާއީ ކޮމިޓީން ދިރާސާކުރަމުން އަންނާތީވެ، އެކަން ނިމިގެން ވަކިގޮތެއް އަންގަންދެން އެފްއޭއެމްގެ އިންތިހާބު ފަސްކޮށްދޭން، މިނިސްޓްރީގައި އެ ކޮމިޓީން އެދުނު އެދުމުންނެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އާޒިމް އަންގާރަ ދުވަހު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ސްޕޯޓްސް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

އާޒިމް ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެފްއޭއެމުން އެކަން ފީފާގެ ސަމާލުކަމަށް ގެނުމާ އެކު، ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ އިން އެފްއޭއެމަށް ފޮނުވި ސިޓީ ގައި ވަނީ އެފްއޭއެމް އަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނަ ނަމަ، ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެކަމަށް އިންޒާރުކޮށްފައެވެ. އަދި އެފްއޭއެމްގެ ގަވާއިދާ އެއްގޮތަށް، މިނިވަންކަމާ އެކު އެ އެސޯސިއޭޝަނުގެ އިންތިހާބީ މަރުހަލާ ކުރިއަށް ގެންގޮސް، މިހާރު ރޭވިފައިވާ ގޮތަށް އެއްވެސް ހުރަހެއްނެތި އިންތިހާބީ ކޮންގްރެސް މިއަދު ބޭއްވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ފީފާ އިން ބުނެފައިވެއެވެ.