އާސަންދައިގެ ދަށުން މިދިޔަ ހޯމަ ދުވަހު އިތުރުފަރުވާއަށް އިންޑިޔާއަށް ފުރުވާލި 28 މީހުންގެ އެހީތެރިން ކަރަންޓީން އުސޫލާއި ޚިލާފުވެފައިވާކަމުގެ ޝަކުވާ އެޤައުމުން ކޮށްފިއެވެ. މިކަން ހާމަ ކުރެއްވީ ރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު ޢަޒީޒްއެވެ.
މަބްރޫކް ވިދާޅުވީ އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުން ޝަކުވާ ކޮށްފައިވަނީ ބޭސްފަރުވާއަށް ދިޔަ ބަލިމީހުންގެ އެހީތެރިން ޤަވާޢިދާއި ޚިލާފަށް ބޭރަށް ނުކުމެ އުޅުނު މައްސަލައެވެ.
ބަލިމީހުންނާއެކު ދިޔަ ބައެއް އެހީތެރިން އެހޮސްޕިޓަލުގައި ހެދިފައިވާ ގައިޑްލައިންތަކާއި ޚިލާފަށް ބޭރަށް ނިކުމެ އުޅޭކަމުގެ ޝަކުވާ އަމްރިތާ ހޮސްޕިޓަލުން ކޮށްފައިވޭ. މިކަން މިގޮތަށް ކުރިއަށްދާނަމަ އެބަލިމީހުން ވަކިން ކަރަންޓީން ކުރަންޖެހޭނެ ކަމަށް ހޮސްޕިޓަލުން ބުނެފައިވޭ.
މުޙައްމަދު މަބްރޫކް ޢަޒީޒް
މަބްރޫކް ވިދާޅުވީ ބޭސްފަރުވާއަށް ގެންދެވުނު ބަލި މީހުންނާއި، އެމީހުންގެ އެހީތެރިން ޓްރާންސްފަރ ކުރީ އަމްރިތާ ހޮސްޕިޓަލަށް ކަމަށާއި، އެމީހުން ތިބުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ވެސް އެ ހޮސްޕިޓަލްގެ ސެމީ ޕްރައިވެޓް ކޮޓަރިތަކެއްގައި ކަމަށެވެ.
އިތުރު ފަރުވާއަށް އިންޑިޔާއަށް ފުރުވާލުމަށް ހަމަޖެހުނީ 37 ބަލި މީހުންނާއި އެމީހުންގެ އެހީތެރިން ކަމަށްވިޔަސް މަބްރޫކު ވިދާޅުވީ އޭގެ ތެރެއިން 9 މީހަކު އެކި އެކި ސަބަބު ތަކާހެދި ފަހު ވަގުތު ކެންސަލް ކުރި ކަމަށެވެ. ބަލިމީހުންނާއެކު ދިޔަ ފްލައިޓް އެނބުރި އައިސްފައިވަނީ އިންޑިއާގައިތިބި ފަސް ނަރުހުންނާއި ޑޮކްޓަރުން ގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުގެ ހަތް މުވައްޒަފަކާއި ،ޓްރިވެންޑްރަމްގައި ތިބި 24 ދިވެހިންނާއި ކޮޗިންގައި ތިބި 61 ދިވެހިންނާއި އާސަންދައިގެ 7 ބަލިމީހުން ގޮވައިގެންނެވެ.
އާސަންދައިގެ ދަށުން އިންޑިއާއަށް އިތުރު ފަރުވާ އަށް ދާން ބޭނުންވާ 50 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ނަންނޯޓް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ހާލުބޮޑު ބަލިމީހުން ފޮނުވާލުމުގެ އިންތިޒާމް އާސަންދައިން ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މި އެންމެނަށްވެސް ފަރުވާ ހަމަޖެހިފައިވަނީ އަމްރީތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސަރޗް ސެންޓާ (އެއިމްސް) އިންނެވެ. ކަރަންޓީނުގައި ތިބޭނީވެސް އެއިމްސްގެ އެކޮމޮޑޭޝަން ބްލޮކެއްގައި ކަމަށާއި ކަރަންޓީންގައި ހޭދަކުރާ 14 ދުވަހުގެ މުއްދަތުގައިވެސް ބޭސްފަރުވާގެ ކަންތައް ކުރިއަށް ގެންދެވޭނެ ކަމަށް އާސަންދައިންވަނީ ބުނެފައެވެ.
މިކަމާގުޅޭގޮތުން އާސަންދައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަލި މީހުން އިންޑިއާއަށް ފޮނުވުމަށް ދަތުރުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށާއި ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް އިންޑިއާ ސަރުކާރާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން ރައީސް އޮފީހާއި، ފޮރިން މިނިސްޓްރީއާއި އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ކޮށްދެއްވި ބުރަ މަސައްކަތްތައް ފާހަގަކޮށް އާސަންދައިގެ ފަރާތުން އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ.
We applaud the support received from the Govt. and people of #India at this time of crisis when #Maldivians are seeking advance medical treatment! Once again phenomenal gesture & true friend. Long live ??- ?? relations. https://t.co/spODUa06Mq
— High Commission of the Republic of Maldives, India (@MDVinINDIA) June 30, 2020