English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، އައްޑޫ ސިޓީގެ ހުޅުމީދޫގައި ހުރި އިޖުތިމާޢީ ބައެއް މައްސަލަތަކާއި، ޞިއްޙީ ޚިދުމަތުގެ އިތުރަށް ރަނގަޅު ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހުޅުދޫމީދޫގެ ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް މިއަދު ބޭއްވެވި ބައްދަލުވުމުގައި ހުޅުމީދުއަށް ނިޞްބަތްވެ ވަޑައިގަންނަވާ ބައެއް ޑޮކްޓަރުންނާއި، ޞިއްޙީ ދާއިރާގެ ބައެއް ބޭފުޅުންގެ އިތުރުން، މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީންއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުޅުދޫމީދުއަށް ނިޞްބަތްވެ ވަޑައިގަންނަވާ ޑޮކްޓަރުންނާއި، ޞިއްޙީ ދާއިރާގެ ބޭފުޅުން ވަނީ ހުޅުދޫމީދޫގައި މިހާރު ހުރި ހެލްތު ސެންޓަރުގެ ޚިދުމަތްތައް އަޕްގްރޭޑްކުރުމާ ގުޅޭގޮތުންނާއި އަދި ބައެއް އައު ޚިދުމަތްތައް އެތަނުގައި ތަޢާރަފްކުރުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވައި އެކަމުގައި އެބޭފުޅުންގެ ހުށަހެޅުއްވުންތަކާއި، އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން ޚާއްޞަކޮށް ހުޅުދޫމީދޫ އަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ބަޔަކު ދިރިއުޅޭ މުޖުތަމަޢަކަށް ހެދުމަށް މަސައްކަތްކުރުމާއި، މުޖުތަމަޢުގައި ހުރި އިޖްތިމާޢީ އެހެން މައްސަލަތައް ޙައްލުކުރުމުގައި ވެސް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ތިއްބެވިކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އެ ދެ ވުޒާރާއިން ހުޅުދޫމީދޫގައި ކުރިޔަށްގެންދަވާ މަސައްކަތްތަކާއި އަދި ކުރިޔަށް ގެންދެވުމަށް ރޭވިފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، ހުޅުދޫމީދޫގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމާއި، އިޖްތިމާޢީ މައްސަލަތަކާއި ބޭހޭގޮތުން މިއަދުގެ ބައްދަލުވުމުގައި ހުށަހެޅުއްވި ކަންކަމުގައި ސަރުކާރުގެ ވިސްނުންހުރިގޮތް ހާމަކުރައްވައި، ހުޅުދޫމީއަށް ނިޞްބަތްވެ ވަޑައިގަންނަވާ ބޭފުޅުންނާއެކު އެކަންކަމުގައި އިތުރަށް މަސައްކަތްކުރެއްވުމުގެ ޝަޢުޤުވެރިކަން ދެ ވަޒީރުންވެސް ފާޅުކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ހުޅުދޫމީދުއަށް ނިޞްބަތްވެ ވަޑައިގަންނަވާ ޑޮކްޓަރުންނާއި، ޞިއްހީ ދާއިރާގެ ބައެއް ބޭފުޅުން އިސްނަންގަވައިގެން ހުޅުދޫއާ މީދޫގެ ކުރިއެރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި މީގެ ތެރެއިން ހުޅުމީދާއާއި އަދި މުޅި އައްޑޫސިޓީއަށް ޚާއްޞަކޮށްގެން ކުރިޔަށްގެންދެވުމަށް ރޭވިފައިވާ ބައެއް މަސައްކަތްތަކުގެ މައްޗަށް ރައީސުލްހުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަލި އަޅުއްވައިލެއްވިއެވެ.

ހަމައެހެންމެ ސަރުކާރުން ޚިދުމަތްތައް ދިނުމުގައި އެއްވެސް ބަޔަކު ތަފާތުކުރުމުގެ ވިސްނުން ނުގެންގުޅުއްވާނެކަމާއި، އޭގެ ބަދަލުގައި އަބަދުވެސް މަސައްކަތްކުރައްވާނީ އެންމެބޮޑަށް ބޭނުންޖެހިފައިވާ ތަންތަނަށް އިސްކަންދީގެން މައްސަލަތައް ޙައްލުކުރެއްވުމަށްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ހުޅުދޫމީދޫއަށް ނިޞްބަތްވެ ވަޑައިގަންނަވާ ބޭފުޅުން ހުށަހެޅުއްވި ކަންކަމުގައި ކަމާބެހޭ މިނިސްޓްރީތަކާއެކު އިތުރު ބައްދަލުވުންތައް ބާއްވަވައިގެން މަސައްކަތްކޮށްދެއްވުމަށް މި ބައްދަވުމުގެ ބައިވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.