ކޮންމެ ދިރިއުޅުމެއްގައި ވެސް އުސްގަނޑަކަށް ފަހު އަޑިގަނޑެއް އަންނާނެކަން ޔަގީނެވެ. ކިތަންމެ ހަރުދާނާ ދިރިއުޅުމެއްގައި އުޅޭ ބަޔަކުވެސް ހިތް ކުދި ކުދި ވެދާފަދަ ކަންތަކާވެސް ދިމަވެދާނެއެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ކޮންމެ މީހެއްގެ މިޖާޒާއި، އުޅުމާއި ވައްޓަފާޅިވެސް ތަފާތުވާނެއެވެ. ނަމަވެސް ބައިވެރިޔާ އާއެކު އޮންނަ ގުޅުމަކީ ކުރު މުއްދަތަކަށް އޮތް ގުޅުމަކަށް ވިޔަސް ދިގުމުއްދަތަކަށް އޮތް ގުޅުކަމަށް ވިޔަސް ގުޅުމުގެ ވަކި ހިސާބަކުން ދެމީހުންގެ ވެސް މުސްތަގުބަލަށް ޓަކައި ދިރި އުޅުން ބައްޓަން ކުރާނެގޮތް ވިސްނަން ޖެހެއެވެ. ބައެއްފަހަރު ވަރަށް ރަނގަޅު ބައިވެރިޔަކު އަތުން ބީވެގެން ދާފަހަރުވެސް އާދެއެވެ. މިހެން ވަނީ އެބައިވެރިޔާ އަކީ އެންމެ ރަނގަޅު ބައިވެރިޔާ ކަން ރަނގަޅަށް ނުހޯދޭތީއެވެ. ތިރީގައި މިވަނީ ރަނގަޅު ބައިވެރިޔެއް ގެ ކިބައިގައި ހުންނާނެ ސިފަތަކެވެ.
1- ބައިވެރިޔާ އާކީ ރައްކާތެރިކަން ހޯދައިދޭ މީހަކަށް ވުން
ބައިވެރިޔަކު ލިބުމަށްފަހު ދެމީހުންގެ ދިރިއުޅުމުގައި ދިމާވާ ދަތި ، ހިތާމަ އަދި ނުރައްކާ ތެރި ކަންކަމުން ސަލާމަތް ކޮށްދޭން ބައިވެރިޔާ މަސައްކަތް ކޮށްދޭ ނަމަ އެއީ ރަނގަޅު ބައިވެރިއެކެވެ. މިކަހަލަ ބައިވެރިޔަކު ލިބުމުން ޝައްކު ނުކޮށް ދިރިއުޅުން ކުރިއަށް ގެންދާށެވެ.
2- ބައިވެރިޔާ އާކީ ހިތްވަރުދޭ މީހަކަށް ވުން
ބައެއްފަހަރު ދެމީހުންގެ ދެމެދުގައި ދިމާވާ ކަންކަމުގައި ބައިވެރިޔާ މާބޮޑަށް އަޅާނުލާ ފަހަރުވެސް އާދެއެވެ. ނަމަވެސް އެންމެ ރަނގަޅު ބައިވެރިޔަކު ނަމަ ދެމީހުންގެ ދިރިއުޅުމުގައި އެކި ގޮތްގޮތުން ދިމާވާ ކަންކަމުގައި ހިތްވަރުދީ ހަދާނަމަ އެބައިވެރިޔާ އަކީ އެންމެ ފުރިހަމަ ބައިވެރިޔާ ކަން ޔަގީނެވެ. ދިރިއުޅުމުގައި ކޮންމެ މީހަކުވެސް އެންމެ ބަލިކަށި ކޮށްލާނީ ހަޔާތުގައި ދިމާވާ ހިތާމަވެރި ވަގުތު ތަކުގައެވެ. އެހެން ކަމުން މިކަހަލަ ބައިވެރިޔަކު ލިބުމަކީ “މުތެއް” ލިބުން ފަދަ ކަމެކެވެ.
3- ބައިވެރިޔާގެ ކަންތަކަކީ އެންމެ ފުރަތަމަ ބަލަންޖެހޭ ކަންތައް ކަމަށް ދެކޭ ބައިވެރިން
ހަޔާތުގައި ދިމާވާ އެހެނިހެން ކަންކަން އެއްކައިރި ކޮށްލާފައި ތިބާގެ ބައިވެރިޔާ އެންމެ ބޮޑަށް ތިބާއަށް އިސްކަންދޭ ނަމަ ލިބިފައި ތިހިރީ އެންމެ ފުރިހަމަ ސިފަ ލިބިފައިވާ ބައިވެރިޔެކެވެ. މިގޮތަށް ކަންތައް ކުރާ ބައިވެރިޔަކު ލިބުމުން ދެމީހުންގެ ދެމެދުގައި ގުޅުން ވަރަށް ބޮޑުވެ ލޯބި އުތުރި އަރައިގެންދާނެއެވެ.
4- އެކަކު އަނެކަކަށް މިނިވަންކަން ދިނުން
ބައެއްފަހަރު ދެމީހުން ދެމީހުންނަށް މާބޮޑަށް ކަންކަމުގައި މިނިވަންކަން ނުދީ ހެދުމަކީ ދެފަރާތުން ވެސް އެކަކު އަނެކަކަށް އިތުބާރު ނުކުރާ ކަމުގެ ހެއްކެކެވެ. އަދި ބައެއް ފަހަރު މިހެން ކަންތައް ކުރަނީ ދެމީހުންގެ ދިރި އުޅުމުގައި ‘ތިންވަނަ ފަރާތެއްވުމުން’ އެކަން ފަޅާއަރާފާނެތީ އެވެ. ނަމަވެސް ދެމީހުންގެ ކަންކަމުގައި އެކަކު އަނެކަކަށް އިތުބާރުކޮށް މިނިވަންކަން ދޭނަމަ ބައިވެރިޔާ އަކީ ރަނގަޅު ބައިވެރިއެކެވެ.
5- ހަޔާތުގައި ދިމާވާ ދަތިކަންތައް ހިއްސާކުރުން
ދެމީހެއްގެ ދިރިއުޅުގައި އަންހެން މީހާ އޭނަގެ ދިރިއުޅުމުގެ ކަންކަން ފިރިހެން މީހާ އާއި ހިއްސާކުރެއެވެ. ނަމަވެސް ބައެއް ފިރިހެނުން އެމީހުންގެ ހަޔާތުގައި ދިމާވާ ކަންކަން އެއްވެސް މީހަކާ ހިއްސާ ނުކުރާ ފަހަރުވެސް އާދެއެވެ. ތިމާގެ ބައިވެރިޔާ އަކީ އެންމެ ހިތްއެދޭ މީހާ ނަމަ ދިމާވާ ކަންކަން ދެމީހުން ދެމީހުންނަށް ހިއްސާކުރުމުން އެކަކު އަނެކާ އަޅާލާވަރު އިހުސާސްވާނެއެވެ.
6- އަނބިމީހާ ނުވަތަ ފިރިމީހާގެ ސިފަ ބަދަލުކުރުމަށް ނުބުނުން
ކޮންމެ މީހަކީވެސް ރީތިމީހެކެވެ. އެހެން ކަމުން ސިފަބަދަލުކުރުމަށް ބައިވެރިޔާ ކައިރީ ނުބުނެ އެމީހެއްގެ ގައިގައި ހުރި ސިފަޔާ ރުހިގެން އެމީހަކީ ތިމަންނައަށް ލިބުނު އެންމެ ފުރިހަމަ ބައިވެރިޔާ ކަމަށް ގަބޫލުކޮށްގެން އުޅޭނީ ހަގީގީ ލޯބިވާ ބައިވެރިންނެވެ.
ލޯބިވާ މީހަކާއި ވަކިވުމަކީ އެއްވެސް މީހަކު ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ. ނަމަވެސް ވަރަށް ލޯބިން އުޅޭ ދެލޯބިވެރިން ވަކިވާ މަންޒަރާއި ކައިވެނިކޮށްގެން އެތައް ދުވަހަކު އުޅުނު ދެމަފިރިން ވަރިވާތަން އަޅުގަނޑުމެންނަށް ވަރަށް އާންމުކޮށް ފެނެއެވެ.