English Edition
Dhivehi Edition
ޖޫން 22 ވަނަ ދުވަހު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

ރޭޕްކުރާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފި އެވެ.

ހުޅުމާލޭ ފަޅުގައި އާޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ދެ ފިރިހެނަކު ވެގެން ރޭޕްކުރި ކުރުން ކުށްވެރިކޮށް ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުށުގެ ވެށިން އެ ދެމީހުން ހައްޔަރުކޮށް، ތަޙުޤީޤުގެ މުއްދަތަށް އެމީހުން ހައްޔަރުކޮށް ބަންދުކުރުމަށް އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ބުނެ ފުލުހުންގެ އިދާރާއިން އެމީހުން ދޫކޮށްލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މީޣެ އިތުރުން ރޭޕްކުރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަކީ އެންމެ ނުބައި މުޖުރިމުން ކަމުގައި ވާއިރު، އަދި ޤާނޫނުލް ޢުޤޫބާތުގައި އެފަދަ ފަރާތްތަކަށް ދިނުމަށް ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު އެފަރާތްތކަށް ދޭންޖެހޭނެ ކަމަށާއި، މިކަމުގައި ވަކި އާއިލާއަކަށް ނުވަތަ މަޤާމަކަށް ނުވަ ވަކި ފަރާތަކަށް ބެލުމެއް ނެތި ޤާނޫނު ތަންފީޒްކުރެވެން ޖެހޭނެ ކަމަށްވެސް ކޯލިޝަނުން ބުނެފައި ވެއެވެ. އަދި މިފަދަ ލާއިންސާނީ އަނިޔާވެރި ޢަމަލު ހިންގާ މީހުންނަކީ އެއްގޮތަކަށްވެސް މުޖުތަމަޢުގެ ތެރެއަށް ދޫކުރެވިފައި ތިބެގެންވާނެ ބައެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

“ފަހަކަށް އައިސް ރާއްޖޭގައި ރޭޕްގެ ޝިކާރައަކަށްވާ މީހުންގެ ޢަދަދު އިތުރުވަމުންދާ ދިއުމަކީ މި ކޯލިޝަނުން އެކަމާ ކަންބޮޑުވާ ކަމެއް. އަދި މިފަދަ ކަންކަން ހުއްޓުވޭނީ ކަމާބެހޭ ހުރިހާ ފަރާތްތަކުން، އެގޮތުން ސަރުކާރާއި ތަޙުޤީޤީ އިދާރާތަކާއި ޝަރުޢީ ދާއިރާއާާއި ޙައްޤުތައް ހިމާޔަތްކުރާ މުއައްސަސާތަކުންވެސް ފުރިހަމަ ޒިންމާ އަދާކޮށްގެން ކަމުގައި މި ކޯލިޝަނުން ދެކެން. ރާއްޖެ އައިސް އުޅޭ ފަތުރުވެރިންނަށް މިފަދަ ލާއިންސާނީ ޢަމަލު ހިންގުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް އޭގެ ގެއްލުން ކުރިމަތިވާނެ ކަމެއް. ރޭޕްގެ ސަބަބުން ލިބޭ ޖިސްމާނީ، ނަފްސާނީ ގެއްލުމަކީ އެތައް އަހަރަކަށް ދެމިގެންދާ ގެއްލުްނތަކެއް. ރާއްޖޭގައި ނިރުބަޔާފަދަ ކޭސްއެއް ތިލަވުމުގެ ކުރިން މިކަމަށް ފިަޔވަޅު އަޅަން ޖެހޭ”، ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން އެއްވެސް ތަފާތު ކުރުމެއް އޮޅުވާލުމެއް ނެތި، ޖިންސީ ގޯނާ ލިބުނު ފަރާތުގެ ޙައްޤުތައް ހިމާޔަތްކޮށްދީ އިންސާފު ހޯދައި ދިނުމަށާއި، އެކަން ކުރި މީހުންނަށް ޤާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކޯލިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި، ކަމާބެހޭ އިދާރާތަކަށް ގޮވާލައިފަ އެވެ. އަދި އެ ޢަމަލު ހިންގާފައިވާ ފަރާތްތަކުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށްވެސް ވަނީ ގޮވާލައިފަ އެވެ.