English Edition
Dhivehi Edition
ރޭޕްގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ އުނައިސް - ފޮޓޯ: ޕޮލިސް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޖިނާޢީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުށެއްކަމުގައި ނުވާތީ މީގެ ކުރިން ބަންދުން ދޫކޮށްލަން ޖެހުނު ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަޙްމަދު (25އ)ގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޕްރޮސިކިއުޓަރ ޖެރެނަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނީ އުނައިސް ވަނީ ޝަޚްޞު އުޅޮވާލައިގެން އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ރައްޓެހިވެ، އެކުއްޖާގެ ބައްޕަގެ އަތުން މަކަރާހީލަތުން ފައިސާ ހޯދައި، އެކުއްޖާ ޑޮކްޓަރަށް ދެއްކުމަށް ކަމަށް ބުނެ މެއި 27 ވަނަ ދުވަހުގެ ވަގުތެއްގައި އެކުއްޖާ މާލެ ގެނެސް، ޖިންސީ ގުޅުން ހިންގުމަށް ހިތްވަރުދީ، އެކުއްޖާ އަށް ޖިންސީ ގޯނާކޮށްފައި ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައާއި ގުޅިގެން އުނައިސްގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކސޤ ޢަމަލުކުރުމުގެ ޤާނޫނުގެ 03 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ އާއި، ޤާނޫނުލް އުޤޫބާތުގެ 312 ވަނަ މާއްދާގެ ދަށުން ޞަޚްޞު އޮޅުވާލުމުގެ ކުށުގެ ދައުވާ އާއި، ޤާނޫނުލްއުޤޫބާތުގެ 212 ވަނަ މާއްދާގެ ދަށުން މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އާއި، ކުޑަކުދިންގެ ޙާއްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މެއި 28 ވަނަ ދުވަހު އުނައިސް ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތު އިތުރުކުރުމަށް ޖޫން 22 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން، އެ މައްސަލަ އަކީ ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާޢީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުށެއްކަމުގައި ނުވާތީ، އެފަދަ މައްސަލަތަކުގައި ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަމަށް ކަނޑައަޅައި، އިތުރަށް ބަންދުގައި ބެހެއްޓޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުފެންނާތީ ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެހެންނަމަވެސް އޭނާ އަލުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާ އާއި އެޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތް އޮތްކަމަށް ފަޑިޔާރަށް ޤަބޫލުކުރެވި، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި ޝަރީޢަތް ނިމެންދެން އުނައިސް، ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ ޖޫން 23 ވަނަ ދުވަހު އަމުރުކޮށްފައެވެ.