English Edition
Dhivehi Edition
ލެބެއްގައި ކޮވިޑް-19 އަށް ޓެސްޓް ހަދަނީ

ކޮވިޑް-19 އަށް އައިޖީއެމްއެޗުގައި ހަދާ ޓެސްޓްތަކަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 100 ޕަސެންޓް ދީފި އެވެ.

އައިޖީއެމްއެޗްއިން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ، އެ ހޮސްޕިޓަލުގެ ކޮވިޑް-19 ޓެސްޓުގެ ފެންވަރު ބަލަން ޑަބްލިއުއެޗްއޯގެ ކޮލިޓީ އެޝުއަރަންސް ޕްރޮގްރާމުން އެ ހޮސްޕިޓަލަށް ފޮނުވި ސާމްޕަލްތަކުގެ ރަނގަޅު ނަތީޖާ ހޮސްޕިޓަލުގެ ޓެސްޓުން ހޯދިފައިވާ ކަމަށެވެ. އެހެންވެ، އައިޖީއެމްއެޗްގެ ޓެސްޓަކީ ބައިނަލްއަގުވާމީ ގޮތުންވެސް ފެންވަރު ރަނގަޅު ޓެސްޓެއް ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެކި ޤައުމުތަކުން ޢަމަލުކުރަމުންދާ ގޮތް ޑަބްލިއުއެޗްއޯއިން ގެންދަނީ މޮނީޓަރކުރައްވަމުންނެވެ. އެގޮތުން ޓެސްޓުކުރަމުން އަންނަ ގޮތާއި ޓެސްޓުކުރާ ލެބޯޓަރީތަކުގެ ކޮލިޓީ ކަށަވަރުކުރުމަށް އެޖަމިއްޔާއިން އަންނަނީ އެސެސްމެންޓްތައް ހަދަމުންނެވެ. މިކަން ކުރުމަށް އެޖަމިއްޔާއިން ބައެއް ސާމްޕަލްތައް އެކި ޤައުމުތަކުގައި ކޮވިޑަށް ޓެސްޓުކުރަމުން އަންނަ ލެބޯޓަރީތަކަށް އަންނަނީ ފޮނުވަމުންނެވެ. އަދި ޓެސްޓުގެ ނަތީޖާ އެޖަމިއްޔާއަށް ކުރިންވެސް އެނގޭއިރު ލެބޯޓަރީތަކުން ހަދާ ޓެސްޓުތަކުގެ ނަތީޖާ 100 އިންސައްތަ ޑަބްލިއުއެޗްއޯގެ ނަތީޖާއާއި ދިމާވާނަމަ ޑަބްލިއުއެޗްއޯގެ މިންގަނޑަށް އެލެބޯޓަރީއެއް ފެތޭކަމަށް އަންނަނީ ކަނޑައަޅަމުންނެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި އެންމެ ފުރަތަމަ ޓެސްޓުކުރަން ފެށީ ވެސް އައިޖީއެމްއެޗުގައި، މިދިޔަ ފެބްރުއަރީ 29 ގަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ގިނަ އަދަދެއްގެ ޓެސްޓުތަކެއް ވަނީ ހަދައިފަ އެވެ.

އައިޖީއެމްއެޗްގެ އިތުރުން، އޭޑީކޭ ހޮސްޕިޓަލުގައިއާއި، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައިވެސް މިހާރު ކޮވިޑް-19އަށް ޓެސްޓު ކުރެއެވެ. ކުޅުދުއްފުށީގައިވެސް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ޓެސްޓުކުރުމަށް ބޭނުންކުރަމުން އަންނަނީ ޑަބްލިއުއެޗްއޯ ބަލައިގަންނަ ކޮލިޓީ ސްޓޭންޑަޑްގެ ޕީސީއާރް މެޝިނާއި ކިޓުތަކެވެ.

އިއްޔެގެ ނިޔަލަށް ރާއްޖޭގައި ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ނެގި ސާމްޕަލްތަކުގެ ޖުމްލަ އަދަދަކީ 46،182 އެވެ. މިހާތަނަށް ބައްޔަށް ޕޮޒިޓިވްވީ 2،277 މީހުންނެވެ.